އަސްލަމް، ނަޝީދު ފެކްޝަނަށް: އެމްޑީޕީގައި ތިބެ ވަކި ޕީޖީ ގުރޫޕެއް ނުހިންގޭނެ

ރައްޔިތުންގެ މަޖިލީުގެ 241 ކޮމިޓީ މުގައްރިރު ހިތަދޫ އުތުރު މެމްބަރު މުހައްމަދު އަސްލަމް އަދި ގަލޮޅު އުތުރު މެމްބަރު އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

އެމްޑީޕީގައި ތިބެގެން ވަކި ޕީޖީ ގުރޫޕެއް ހިންގުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށާއި އެ ކަން ކުރާ ނަމަ އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ޕާޓީއެއް ހެދުން ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީގައި ޚިޔާލު ތަފާތުވުން ބޮޑުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގައި ވަކި ފެކްޝަނެއް ހިންގަވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ފަހުގައި 'ފިކުރެއްގެ ދިރުން'ގެ ނަން ދީގެން، އެ މަނިކުފާނު ގެންދަވަނީ އެމްޑީޕީގެ ތެރެއިން އެ ޕާޓީގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

އެ މަނިކުފާނަށް ތާއީދުކުރައްވާ މެންބަރުންނާ އެކު ރޭ ބޭއްވި ޕީޖީ ގުރޫޕު ބައްދަލުވުމެއްގައި ވަނީ 'ފިކުރެއްގެ ދިރުން'އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕެއް އެކުލަވައިލަން މަޝްވަރާ ކުރަން ނިންމައިފައެވެ. އަދި، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޖޭޕީއާ އެކު މަސައްކަތް ކުރަން އެ ފެކްޝަނުން ގެންދަނީ މަޝްވަރާ ކުރަމުންނެވެ.

އެކަމާ ގުޅިގެން މިއަދު "ސަން"އާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ އެމްޑީޕީގައި ތިބެގެން ވަކި ޕީޖީ ގުރޫޕެއް ނުހިންގޭނެ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުތައް ދަންނަ ކަމެއް ވެސް ނޫން ކަމަށެވެ.

"މަޖިލީހުގެ ގަވާއިދުގައި ވެސް އޮންނާނެ ޕާޓީތަކަށް ހަރަކާތްތެރިވެވޭނެ ގޮތް، ސިޔާސީ ޕާޓީއަކަށް ވާ ގޮތް ވަރަށް ރަނގަޅަށް އެބައޮތް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި،" އޭނާ ވިދާޅުވިއެވެ.

ނުސީދާ ގޮތެއްގައި ނަޝީދަށް ރައްދުދެއްވަމުން އަސްލަމް ވިދާޅުވީ ބައެއް ބޭފުޅުން ގާނޫނުގައި އެފަދައިން އޮތް ނަމަވެސް ގާނޫނުގެ ބޭރުން މަސައްކަތް ކުރައްވާ ކަމަށާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ނުހިއްތަވާ ކަމަށެވެ.

އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދެން ވާ ގޮތަކީ ގާނޫނުގެ ބޭރުން ބައެއް ބޭފުޅުން މަސައްކަތް ކުރައްވާނެ، ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާނެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ގާނޫނާއި ގަވާއިދަށް ވަރަށް ބޮޑަށް ހުރުމަތްތެރިކޮށް ހިތާ އެހެން މީހުންނަށް ނަމޫނާ ދައްކަން ޖެހޭ ބައެއް، އެހެންވީމަ އެއީ ދެން ވަރަށް ދެރަކޮށް ވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ވަކި ޕީޖީ ގުރޫޕެއް ހިންގަން ބޭނުން ވާނަމަ، ނަޝީދަށް ވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުން ކަމަށެވެ.

އެއަށް ފަހު އޭނާ މަލާމާތުގެ ރާގަކަށް ވިދާޅުވީ ޕާޓީއެއް އުފައްދަވަން ވެސް ވަކި އަދަދަކަށް މެންބަރުން ހަމަކުރަން ޖެހޭނެ ކަމަށެވެ. ޕާޓީއެއް އުފައްދަން ގާނޫނުން ލާޒިމްކުރާ 3000 މެންބަރުން ހަމަކުރެއްވިއްޖެ ނަމަ، ވަކި ޕާޓީއެއް އުފައްދައިގެން ޕީޖީ ގުރޫޕެއް ހިންގެވިދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެކަމަކު، އެމްޑީޕީގައި ތިބެ އެކަން ކުރެވިދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

"އެންމެ ރަނގަޅު ގޮތަކަށް ވާނީ ޕާޓީއެއް އުފެއްދެވުން، އެކަމަކު ޕާޓީއެއް އުފައްދަވަން ވެސް އަޅުގަނޑަށް ހީވަނީ ވަކި އަދަދަކަށް މީހުން ބޭނުންވާނެ،" އަސްލަމް ވިދާޅުވިއެވެ.

އެފަދަ ޕާޓީއަކަށް މެންބަރުން ހަމަކުރެއްވިދާނެ ކަމަށް ގަބޫލުކުރައްވަންތޯ އެއްސެވުމުން އަސްލަމް ވިދާޅުވީ އެ ކަމާ ދޭތެރޭގައި ވަކި އެއްޗެއް ދަންނަވަން ބޭނުންނުވާ ކަމަށާއި އެ ފަދައިން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވަކި އަދަދަކަށް މެންބަރުން ތިބެން ޖެހޭނެ ކަމަށް ބަޔާން ކުރާތީ ކަމަށެވެ.

އެހެންވެ، ނަޝީދާއި ގާސިމް ގުޅިގެން ޖޮއިންޓް ޕީޖީ ގުރޫޕެއް އެކުލަވައިލުމަކީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ކަމަކަށް އަސްލަމް ގަބޫލެއް ނުކުރައްވައެވެ.

comment ކޮމެންޓް