ޕެނަލްޓީން ދ. ކުޑަހުވަދޫ ބަލިކޮށް، ގދ. ވާދުއިން ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ވާދޫން ކުޑަހުވަދޫގެ މައްޗަށް ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗުގެ ނަތީޖާ އެއްވަރުވެފައިވުމުން ޖެހި ޕެނަލްޓީންނެވެ.
އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ވެސް ވަނީ ހަތަރު ގޯލު ޖަހައިފައެވެ. އެގޮތުން ވާދޫގެ ގޯލުތައް ޖެހީ ނިޝާހު އަހުމަދާއި މުހައްމަދު އިޔާދު އަލީއެވެ.
އެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި އިޔާދު ވަނީ މެޗުގައި ތިން ގޯލު ޖަހައި ހެޓްރިކު ހަދައިފައެވެ. ކުޑަހުވަދޫގެ ގޯލުތައް ޖަހައިފައިވަނީ ޖުމައިލް ޖަމީލާއި އިރުފާން އާދަމް ނަސީރާއި މާއިޒް ވަހީދެވެ. ޖުމައިލްގެ ފަރާތުން އެ މެޗުގައި ވަނީ ދެ ގޯލު ފެނިފައެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ބުރުގައި ވާދޫން ވަނީ ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ކުޑަހުވަދުއަށް މެޗުގައި ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީއެވެ.
ވާދޫ އެ މެޗުން މޮޅުވެ ގޯލްޑެން ފުޓްސަލް 2023 ގެ ފައިނަލް މެޗުގައި ބައްދަލުކުރަން ޖެހޭނީ ލ. ގަމާއެވެ.
ވާދޫ އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ގދ. އަތޮޅުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އެ ޓީމަކީ ޒޯނު ހައެއްގެ ޗެމްޕިއަން ޓީމެވެ. އެ ޓީމު ވަނީ މުބާރާތުގެ ގަދަ 16ގައި އދ. މާމިގިލި ބަލިކޮށްފައެވެ. އަދި ކުއާޓާ ފައިނަލް މެޗުގައި ވާދޫއިން ވަނީ މާފަންނު ބަލިކޮށްފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.