އިނގުރައިދޫ ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ގަމަށް

ގަމާއި އިނގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ރ. އިނގުރައިދޫ ބަލިކޮށް ލ. ގަން ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ގަމުން އިނގުރައިދޫގެ މައްޗަށް ކުރިހޯދީ 4-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ގަމުގެ ގޯލުތައް ޖެހީ ހުސައިން ޝަރީފާއި، އަބްދުﷲ ޖުނައިދާއި، އަލީ ޝާމިސްއެވެ. އެ މެޗުގައި ޖުނައިދު ވަނީ ދެ ގޯލު ޖަހައިފައެވެ.

އެ މެޗުން މޮޅުވެ ގަން، ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ފައިނަލް މެޗުގައި ބައްދަލުކުރަން ޖެހޭނީ ގދ. ވާދޫއާއެވެ.

ގަން އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ލ. އަތޮޅުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އެ ޓީމަކީ ޒޯނު ހައެއްގެ ރަނަރަޕް ޓީމުވެސްމެއެވެ. އެ ޒޯނުގެ ޗެމްޕިއަން ޓީމަކީ އެ މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރަން ޖެހޭ ވާދޫއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަށް އެ ޓީމު ދަތުރުކުރީ، ގަދަ 16 ގައި މ. ދިއްގަރު ބަލިކޮށްގެންނެވެ. ކުއާޓާގެ މެޗުގައި އެ ޓީމު ވަނީ ގޯލްޑެން ފުޓްސަލްގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށި ބަލިކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް