ބީއެމްއެލްއިން މާލެ އާއި ބައެއް ރަށްރަށް ސާފުކުރުމުގެ ހަރަކާތެއް ބާއްވަނީ

ބީއެމްއެލްއިން މީގެ ކުރިން ބޭއްވި ސާފުކުރުމުގެ ހަރަކާތް: މި ހަރަކާތުގައި މާލޭ ސިޓީން 84 ކިލޯގެ ކުނި ނަގާފައިވޭ --

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އިސްނަގައިގެން ސާފުކުރުމުގެ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ މި ހަރަކާތް މާލެއާއި ބައެއް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ހަރަކާތާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މާލޭގެ 12 ސަރަހައްދެއް ސާފުކުރާނެކަމަށެވެ.

މާލޭގައި ސާފުކުރުމަށް ހަމަޖެހިފައިވާ ބައެއް ސަރަހައްދުތަކުގެ ތެރޭގައި އާޓިފިޝަލް ބީޗާއި، ކާނިވާ ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯން ހިމެނެއެވެ. އަދި ރަސްފަންނުގެ އިތުރުން ލޯކަލް މާރުކޭޓް ސަރަހައްދު ވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކުރާނެއެވެ.

މި ޕްރޮގްރާމްގައި އެ ބޭންކުގެ 200އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ މި ހަރަކާތަކީ ކޮންމެ އަހަރެއްގެ މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަކުރާ 'އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސް'އާ ގުޅުވައި ބާއްވާ ހަރަކާތެއް ކަމަށެވެ.

މާލޭގެ އިތުރުން މި ހަރަކާތް ކުރިއަށް ދާނީ މީގެ ށ. ފުނަދޫ، ނ. ހޮޅުދޫ، ކ. މާފުށި، ދ. ކުޑަހުވަދޫ، އަދި ލ. ފޮނަދޫގެ އިތުރުން ގދ. ތިނަދޫގައެވެ.

comment ކޮމެންޓް