މާލެސިޓީ ކައުންސިލުން "ސްމާޓް ސްޓްރީޓް ލައިޓް" މަޝްރޫޢު އިފްތިތާޙުކޮށްފި

މާލެސިޓީ ކައުންސިލުން "ސްމާރޓް ސްޓްރީޓް ލައިޓް" މަޝްރޫއު އިފްތިތާޙްކުރުން --

މާލޭ ސިޓީ ކައުންސިލުން ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީތެރިކަމާއިއެކު މާލެސިޓީގައި "ސްމާޓް ސްޓްރީޓް ލައިޓް" މަޝްރޫއު ހޯމަ ދުވަހު އިފްތިތާޙްކޮށްފިއެވެ.

އާޓިފިޝަލް ބީޗް ސަރަޙައްދުގައި ބޭއްވި ހަފްލާއެއްގައި މި މަޝްރޫއު އިފްތިތާޙް ކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއާއި ޔުނާން ޕްރޮވިންސްގެ ފަރާތުން ހެޑް އޮފް ޑެލިގޭޝަން މާ ޒުއޮޒިންއެވެ.

މި މަޝްރޫއު އިފްތިތާހް ކޮށްދެއްވުމަށްފަހު މޭޔަރު ވިދާޅުވީ މިއަދު މި އިފްތިތާޙް ކުރެވުނީ ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށާއި، އެއީ ޗައިނާގެ ޔުނާން ޕްރޮވިންސް އާއި މާލެސިޓީ ކައުންސިލާއި މަޝްވަރާކުރެވި ޔުނާން ޕްރޮވިންސްގެ ފަރާތުން ކައުންސިލަށް ދެއްވި ހަދިޔާއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އާޓިފިޝަލް ބީޗުން ފެށިގެން ލޮނުޒިޔާރަތް ޕާކާއި ހަމަޔަށް ވަނީ "ސްމާޓް ސްޓްރީޓް ލައިޓް"ގެ 10 ޕޯލް ޖަހާފައެވެ.

މާލެސިޓީ ކައުންސިލުން "ސްމާރޓް ސްޓްރީޓް ލައިޓް" މަޝްރޫއު އިފްތިތާޙްކުރުން --

އެންމެ ފުރަތަމަ މި ޕޯލްތައް ހަރުކުރާނީ މައި މަގުތަކުގައެވެ. އެއަށްފަހު އެތެރޭގެ މަގުތަކުގައި ވެސް އިތުރު ޕޯލްތައް ހަރުކުރެވޭނެއެވެ.

"ސްމާރޓް ސްޓްރީޓް ލައިޓް"ގެ ތަފްސީލް ދެއްވަމުން މޭޔަރު ވިދާޅުވީ މިއީ ފްރީ ވައިފައި، ޑިޖިޓަލް ލެޑް ސްކްރީން، ސްޕީކާ ސިސްޓަމް، އަދި ސީސީޓީވީ ކެމެރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަވާނެ ހެން އެންވަރެންމަންޓް ސެންސަރު ހަރުކުރެވިފައިވާ ޕޯލްތަކެއް ކަމަށެވެ.

މޭޔަރު ވިދާޅުވީ މި ޕޯލްތަކުގެ ބޭނުމަކީ ކައުންސިލުން ބޭނުންވާ ޕަބްލިކް މެސެޖްތައް ދިނުމާއި، މުޖްތަމައުއަށް ބޭނުންވާ މުހިންމު މެސެޖްތަކާއި، އަދި ދީނީ އިރުޝާދުތަކާއި، ދީނީ ނަސޭހަތްތަކުގެ އިތުރުން ދުއާތައް ވެސް މި ޕޯލް މެދުވެރިކޮށް ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން ވިޔަފާރީގެ އުސޫލުން އިޝްތިހާރު ދެއްކޭނެ ގަވާއިދެއް ފާސްކޮށް އެ ފުރުސަތު ވެސް ކުރިއަށްއޮތްތަނުގައި ހުޅުވާލުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި، އެކަމަށް އުސޫލެއް ކަނޑައަޅާ އިއުލާން ކުރެވޭނެކަމުގައި މޭޔަރު ވިދާޅުވިއެވެ.

ސީސީޓީވީ ކެމެރާތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ މާލެސިޓީ ކައުންސިލްގައި ކަން ފާހަގަ ކުރައްވާ މޭޔަރު ވިދާޅުވީ އެއީ ކައުންސިލްގެ ސީސީޓީވީ މޮނިޓަރިންގް ސިސްޓަމްގެ ތެރެއިން ބެލެހެއްޓޭނެ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ސީސީޓީވީ ކެމެރާތަކަށް ރެކޯޑް ކުރެވޭ ފުޓޭޖްތައް މިހާރެކޭ އެއްގޮތަށް ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި ފުލުހުންނާއި ހިއްސާކުރެވޭނެ ކަމަށާއި، އަމާޒަކީ މާލެސިޓީ އަމާންތަނަކަށް ހެދުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އުންމީދަކީ ކުރިއަށްއޮތްތަނުގައި ވެސް މިކަމުގައި އިތުރު އެހީތެރިކަން ލިބި ކައުންސިލްގެ ޕްލޭންގައިއޮތް ގޮތަށް މިކަންވެގެން ދިއުންކަމަށެވެ. އަދި ޔުނާން ޕްރޮވިންސްގެ މި އެހީތެރިކަމަށްޓަކައި މޭޔަރު ވަނީ އެ ޕްރޮވިންސްއަށާއި، ފޮރިން މިނިސްޓްރީގެ އިތުރުން ޗައިނާ ގަވަރުނަރަށް ޝުކުރު ދަންނަވާފައެވެ.

މިއަދު ފެށިގެންދިޔަ "ސްމާޓް ސްޓްރީޓް ލައިޓް" މަޝްރޫއުއަކީ މާލެސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ "ޑިޖިޓަލް މާލެސިޓީ" މަޝްރޫއުގައި ހިމެނޭ ކަމެކެވެ.

comment ކޮމެންޓް