ބޯހިމެނުމުގެ ނަތީޖާ އިއުލާން ކުރުން މި މަހުގެ 30ގައި

ބޯހިމެނުމުގެ މަސައްކަތް ކުރުމުގެ ތެރެއިން--- ފޮޓޯ/ ސެންސަސް 2022

ބޯހިމެނުމުގެ ނަތީޖާ އާންމު ކުރާނީ މި މަހުގެ 30 ވަނަ ދުވަހުގައި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން މިއަދު ބުނެފިއެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މިދިޔަ އަހަރުގެ ސެމްޓެމްބަރު 13 ވަނަ ދުވަހުން ފެށިގެންނެވެ. އެފަހުން މިއަދާ ހަމައަށް ހަ މަސް ވޭތުވީ ނަމަވެސް، ބޯހިމެނުމުގައި އެއްކުރެވުނު އެއްވެސް މައުލޫމާތެއް މިހާތަނަށް ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަނުކުރެއެވެ.

މިކަމާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު ބަޔާނެއްގައި ބުނީ މި ފަހަރުގެ ރިލީސްގައި ހާމަކުރާނީ އަސާސީ މައުލޫމާތު އެކަނި ކަމަށެވެ. އެގޮތުން އާންމުކުރާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ:

  • އާބާދީ - ދިވެހިންނާއި ބިދޭސީންގެ އަދަދު، ޖިންސާއި އުމުރުފުރާއިން
  • ގޭބިސީ - ގޭބިސީގެ އަދަދާއި އެވަރެޖު ކޮށް ގޭބިސީއެއްގައި ދިރިއުޅޭ މީހުންގެ އަދަދު
  • ބޯހިމެނުމުގެ ލިސްޓިން އިން ނެގުނު ތަންތަނުގެ އަދަދު - އިމާރާތްތައް، މީހުން ނިދާ ދިރިއުޅޭ ގެ/ފްލެޓް/އެޕާޓްމެންޓް، ލޭބާ ކުއާޓާ އަދި މަސައްކަތް ހިންގާ ތަންތަން

މި ނޫން މައުލޫމާތުތައް އިއުލާނުކުރާނެ ދުވަހެއް ފަހުން އާންމުކުރަމުން ގެންދާނެ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ ބޯހިމެނުމުގެ ޑޭޓާ ކޯޑްކުރުމުގެ މަސައްކަތުގެ ތެރެއިން މަސައްކަތު އާބާދީ މަސައްކަތްކުރާ އިންޑަސްޓްރީއާއި އޮކިއުޕޭޝަން އަދި އެކި ދާއިރާތަކުން ނެގިފައިވާ ތަފުސީލް މައުލޫމާތު ވެލިޑޭޓްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުންދާ ކަމަށެވެ.

މި މައުލޫމާތުތައް ހާމަނުކުރެވި ލަސްވާތީ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ އެ ބިއުރޯގެ އަމާޒަކީ ބޯހިމެނުމުގެ ތަފާސް ހިސާބު ވީހާ ވެސް ފުޅާ ދާއިރާއެއްގައި ހާމަކުރެވި، އަދި އެ ތަފާސް ހިސާބުގެ އަލީގައި ކަންކަން ނިންމުމަށް އެހީތެރިވެދިނުން ކަމަށެވެ. އަދި މިކަމަކީ ޤައުމީ ފެންވަރުގައި ހިންގޭ ވަރަށް ބޮޑު މަސައްކަތަކަށްވުމާއެކު އާއްމުންގެ ފުރިހަ އެއްބާރުލުން ދިނުމަށް އެ ބިއުރޯއިން އެދިފައިވެއެވެ.

ރާއްޖޭގައި ރަސްމީކޮށް އެންމެ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުއެވެ. އަދި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރުއެވެ.

comment ކޮމެންޓް