ގުރައިދޫ ދާއިރާ ގޮނޑިއަށް ތިން ޕާޓީއަކުން ވާދަކުރަނީ

ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުން--

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަންގައި ވާދަކުރުމުގެ މުއްދަތު ހަމަވިއިރު ތިން ސިޔާސީ ޕާޓީއަކުން ފޯމު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު "ސަން"އަށް ވިދާޅުވީ އޭޕްރީލް މަހުގެ 15ގައި ބާއްވަން ނިންމާފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުމުގެ ސުންގަނޑި ހަމަވިއިރު ވާދަކޮށްފައިވަނީ ތިން ޕާޓީއަކުން ކަމަށެވެ. އެއީ، ވެރިކަން ކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23ވަނަ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ. ރިޒާ އަވަހާރަވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

މި ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރު އެ ވެސް އެ ޕާޓީގެ ގުރައިދޫ ދާއިރާގެ ރައީސް ކަމުގައި ހުންނެވި، އިބްރާހިމް ޝާޒެވެ. ޕީޕީއެމުން މި އިންތިޚާބުގައި ވާދަކުރައްވަނީ މެންބަރު ރިޒާގެ ކޮއްކޯފުޅު ހުސައިން ރިޒާއެވެ. އެމްއެންޕީން ވާދަކުރައްވަނީ ކ. ގުރައިދޫ، އަލީ އާރިފެވެ. އޭނާއަކީ އެ ރަށު ސްކޫލުގެ ކުރީގެ ލީޑިން ޓީޗަރެކެވެ.

މި ތިން ޕާޓީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީން ވެސް އެ އިންތިޚާބު ވާދަކުރަން ޝައުގުވެރިވިއެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު ހަމަވިއިރު ބައި އިލެކްޝަންގައި ވާދަކޮށްފައިވަނީ ތިން ޕާޓީން އެކަނި ކަމަށެވެ.

ކުރީގެ މެންބަރު ރިޒާ ވަނީ މެދުނުކެނޑި 13 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރިޒާ ވަނީ ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ. އޭނާ އަކީ ގާނޫނީ ވަކީލެކެވެ. ދެހާސް ނުވަ ވަނަ އަހަރު އެންމެ ފުރަތަމަ އޭނާ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ. އެއަށްފަހު ޕީޕީއެމް އުފެދުމުން އެ ޕާޓީއާ ގުޅިވަޑައިގަތެވެ.

comment ކޮމެންޓް