މި ފެށޭ ރަމަޟާން މަހާ ދިމާކޮށް ބަޒާރުގައި ތ. ކަނޑޫދޫ މިރުހުގެ އަގު އުފުލެން ފަށައިފިއެވެ.
މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން ވަރަށް ފަހަކާ ޖެހެންދެން ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ބާޒާރުގައި ހުރީ 80 ރުފިޔާ އާއި 90 ރުފިޔާއާ ދެމެދުގައެވެ. ނަމަވެސް މިހާރު ބާޒާރުގައި އެ އަގުތައް އަންނަނީ އުފުލެމުންނެވެ.
އެގޮތުން މިހާރު ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު އެންމެ މަތިން އުޅެނީ ކިލޯއެއް 150 ރުފިޔާއަށެވެ. ކަނޑޫދޫ، ކުޑަ މިރުހުގެ އަގު އުޅެނީ 100 ރުފިޔާ އާއި 120 ރުފިޔާއާ ދެމެދުއެވެ. އަދި ދޮން މިރުހުގެ އަގު އުޅެނީ 80 ރުފިޔާއާ 90 ރުފިޔާއާ ދެމެދުއެވެ.
އެކަމާ ގުޅިގެން ކަނޑޫދޫ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އާރިފް މިއަދު "ސަން"އަށް ބުނީ މިދިޔަ ރޯދަމަހުގެ ފަހުން މިރުހުގެ އަގު ވަރަށް ދަށް ކަމަށެވެ. ކަނޑޫދޫ ހިމެނޭހެން ލ. ގަމާއި އެހެން ރަށްރަށުން ވެސް ދުވާލެއްގެ މައްޗަށް ވަރަށް ބައިވަރު މިރުސް ބާޒާރަށް ވިއްކަން ގެންނަ ކަމަށް އޭނާ ބުންޏެވެ.
އޭގެ ފަހުން އަގު މިހާރު ހުރި ވަރަށް ބޮޑުވީ މީގެ ހަތަރުވަރަކަށް ދުވަސް ކުރިން ކަމަށް ވެސް އޭނާ ބުންޏެވެ.
"ގާތްގަނޑަކަށް ތިން ވަރަކަށް މަސް ދުވަސް އެބަ ނަގާ މި ހައްދަން. އަނެއްކާ ބޭނުން ކުރާ ބޭހާ. މި ހުރިހާ ކަމަކީ ވަރަށް ލާރި. އެހެންވީމަ މި ހަތަރު ދުވަހު އެގޮތަށް ބޮޑުވެގެން އާމްދަނީ އިތުރުވެ ނުލިބޭނެ ފައިދާ އެއްވެސް މީހަކަށް ފައިދާއެއް،" އޭނާ ބުންޏެވެ.
އާރިފް ބުނީ މިރުހުގައި ކިރިޔާވެސް އަގެއް ހުރީ މިދިޔަ ރޯދަ މަހު ކަމަށާއި އޭރު 200 ރުފިޔާއަށް ކިލޯއެއް ވިއްކިން ކަމަށެވެ. އަދި ރޯދަ މަހުގެ ބައެއް ދުވަސްތަކުގައި 500 ރުފިޔާ އާއި 600 ރުފިޔާއަށް ވެސް މިރުސް ކިލޯއެއް ވިއްކި ކަމަށް އޭނާ ބުންޏެވެ.
ހަމަ އެގޮތަށް މިރުހުގެ އަގު މި ރޯދަ މަހު އުފުލޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އާރިފް ބުންޏެވެ. ނަމަވެސް ރޯދަ މަހު ވެސް މިރުސް ކިލޯއެއްގެ އަގު އެންމެ ބޮޑު ވާނެ ކަމަށް ބެލެވެނީ 200 ރުފިޔާ އާއި 250 ރުފިޔާއާ ދެމެދަށް ކަމަށް އޭނާ ބުންޏެވެ.
ކަނޑޫދޫގެ 90 ޕަސެންޓް ރައްޔިތުންނަކީ ދަނޑުވެރިކަން ކުރާ ބަޔަކަށްވާއިރު، ކަނޑޫދޫ މިރުހަކީ އާއްމުން ބަލައިގަންނަ މިރުހެކެވެ. އަދި ބާޒާރަށް އެންމެ ގިނައިން ގެންނަނީ ވެސް ކަނޑޫދޫ މިރުހެވެ. އެންމެ ފަހުން އިއްޔެ ވެސް ވަނީ ހަމަ އެކަނި ކަނޑޫދޫން ޓަނެއްހާ މިރުސް ބާޒާރަށް ގެނެސްފައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ބެލެވެއެވެ.