އޮސްކާ އެވޯޑް ހަފުލާގައި ''އާރް.އާރް.އާރް''ގެ ނާޓޫ ނާޓޫގެ ލައިވް ޕާފޯމެންސްއަށް ސަމާލުކަން

މިދިޔަ އަހަރު ރިލީޒްކުރި, ތެލުގޫ ޑައިރެކްޓަރު އެސް.އެސް ރާޖާމޯލީގެ ފިލްމު "އާރް.އާރް.އާރް"ގެ ލަވަ ނާޓޫ ނާޓޫއަށް ލިބުނު އޮސްކާ އެވޯޑާއެކު އެ ފިލްމު ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

މިއަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސްގައިވެސް އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑު ހޯދި މިލަވައަށް އޮސްކާ އެވޯޑް ލިބިފައިވަނީވެސް ހަމަ މިކެޓަގަރީއިންނެވެ.

އެ ކާމިޔާބީއާއެކު އިންޑިއާއަށް ނިސްބަތްވާ އެންމެންވެސް ދަނީ އުފާ ފާޅުކުރަމުންނެވެ. އެ ހަފުލާގައި މިލަވަ ކިޔާފައިވާ ލަވަކިޔުންތެރިން ސްޓޭޖްގައި ހުށަހަޅައިދިން ފުރިހަމަ ލައިވް ޕާފޮމެންސަށް ވެސް ގިނަ ބަޔެއްގެ ތައުރީފު ވަނީ ލިބިފައެވެ.

އެމެރިކާއަށް ނިސްބަތްވާ ނަށާ ގްރޫޕަކުން އަސްލު ލަވައާ އެއްގޮތަށް ދެއްކި ފޯރިގަދަ ނެށުންތަކާއެކު އޮސްކާ އެވޯޑް ހަފުލާއަށްދިޔަ ފަންނާނުންނާއި މެހެމާނުންވަނީ މިހުށަހެޅުމަށް ތަރުހީބު ދިނުމުގެ ގޮތުން ކޮޅަށް ތެދުވެ، އަތް ޖަހައިފައެވެ.

ނާޓޫ ނާޓޫ ލަވަކިޔާފައިވާ ރާހުލް ސިޕްލިގުންޖް އާއި ކާލާ ބައިރާވާގެ އަޑުން ކިޔާފައިވާ މިލަވައަކީ، މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރާވާނީގެ އުފެއްދުމެކެވެ. އަދި ލަވައިގެ ކޮރިއަގްރާފަރުކީ ޕްރޭމް ރަކްޝީތްއެވެ.

އޮސްކާ ހަފުލާގައި އެމެރިކާގެ ގްރޫޕުން ހުށަހަޅައިދިން ހުށަހެޅުން ފުރިހަމަކަމަށް ބުނަމުން ފިލްމުގެ ލީޑް އެކްޓަރު އެންޓީއާރް ޖޫނިއާ ބުނެފައިވަނީ، ލަވައިގައި ފެންނަ ނެށުންތަކަކީ އިންޑިއާވަންތަ ހަރަކާތްތަކެއް ނަމަވެސް އެގުރޫޕުން ނެށުންތައް ހުށަހަޅައިދީފައިވަނީ ވަރަށް ފުރިހަމައަށްކަމަށެވެ.

އެންޓީއާރް ޖޫނީއާއާއެކު ފިލްމުން ފެނުނު ލީޑް އެކްޓަރު ރާމް ޗަރަން ބުނެފައިވަނީ، މިލަވައަކީ މިހާރު އިންޑިއާގެ އެކަނި ލަވައެއް ނޫންކަމަށެވެ. އެގޮތުން މިހާރު ނާޓޫ ނާޓޫ ވެފައި ވަނީ، އެ ލަވައަށް ލޯބިކުރާ ކޮންމެ މީހެއްގެ ވެސް އަމިއްލަ ލަވައަކަށް ކަމަށް އޭނާ ބުންޏެވެ.

އެންޓީއާރް ޖޫނިއާއާއި ރާމް ޗަރަންގެ ފޯރިގަދަ ނެށުންތައް ފެންނަ މިލަވައަށް އޮސްކާ އެވޯޑް ލިބުމާ ގުޅިގެން ލަވައިގެ މިއުޒިކް ޑައިރެކްޓަރު އެމް އެމް ކީރާ ބުނެފައިވަނީ މިލިބުނު އެވޯޑާއެކު އަމިއްލަ ގައުމާއި ގައުމުގެ ސަގާފަތާމެދު ފަޚުރުވެރިވާކަމަށެވެ. މިލަވައަކީ ވަރަށްގިނަ ބައެއްގެ ބުރަ މަސައްކަތާއެކު ފުރިހަމަކުރެވުނު ލަވައެއްކަމަށް ވެސް އޭނާ ބުންޏެވެ.

އޮސްކާ އެވޯޑާ ހަވާލުވުމަށް ފަހު ކީރާ އިތުރަށް ބުނީ، މިއެވޯޑަކީ ދުނިޔޭގެ އެތައް ބަޔަކަށް އިންޑިއާގެ މިއުޒިކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް ހުޅުވިގެންދިޔަ ދޮރެއްކަމަށެވެ.

މިއަހަރުގެ އޮސްކާ އެވޯޑް އިންޑިއާއަށް ހޯދައިދިން އިތުރު ފިލްމަކީ ގުނީތް މޯންގާ އާއި އަޗިން ޖައިންގެ ކުރު ޑޮކިއުމަންޓްރީ ފިލްމު "ދަ އެލެފެންޓް ވިސްޕަރާ"އެވެ.

ގައުމަށް ހޯދައިދިން މިރީތި ނަމާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސްވަނީ ދެ ފިލްމުގެ ޓީމަށްވެސް މަރުހަބާ ކިޔާފައެވެ. މީގެއިތުރުން ހިންދީ ސިނަމާގެ ގިނަ ފަންނާނުންނާއެކު ފިލްމީ ދާއިރާއާ ގުޅުންހުރި އެތައްބަޔަކުވަނީ މި ދެ ޓީމަށްވެސް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ.

comment ކޮމެންޓް