ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން ގާޒީ އާދަމް މުހައްމަދަށް

ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުކުރި ގާޒީ އާދަމް މުހައްމަދު

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން، އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފިއެވެ.

ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމްއާ ހަވާލުކުރަން ޖޭއެސްސީން މިއަދު ބޭއްވި ޖަލްސާގައި ނިންމީ، އެ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލު ހައިކޯޓަށް އައްޔަނު ކުރުމާ ގުޅިގެންނެވެ.

ގާޒީ އާދަމް ވަނީ މީގެ ކުރިން ވެސް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެންފައެވެ. އެފަހަރު އެ މަގާމު އޭނާ ހަވާލުވެވަޑައިގަތީ، އޭރު ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެހުންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުމާ ގުޅިގެންނެވެ.

ޖޭއެސްސީގެ މިއަދުގެ ޖަލްސާގައި، ގއ. ޖުޑީޝަލް ދާއިރާ ވަގުތީ ގޮތުން ހިންގުން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޒީމް ޙަސަންއާ ހަވާލުކުރަން ވެސް ނިންމާފައިވެއެވެ. މެޖިސްޓްރޭޓް އާޒީމްއާ އެ ދާއިރާ ހިންގުން ވަގުތީ ގޮތުން ހަވާލުކުރީ، ގއ. ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް އިބްރާހީމް އިޙްސާން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ ހުވާކުރެއްވުމާ ގުޅިގެންނެވެ.

އޭނާގެ އިތުރުން ދެ ފަނޑިޔާރަކު ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ މިއަދު ކުރައްވާފައެވެ. އެއީ ކުރިން ކްރިމިނަލް ކޯޓުގައި ލީގަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ އާމިނަތު އަޒްލިފާ އާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރަކަށް ހުންނެވި އިބްރާހީމް ޛިހުނީއެވެ.

comment ކޮމެންޓް