ހައިކޯޓާއި ސުޕީރިއާ ކޯޓުތަކާއި ރަށު ކޯޓުތަކަށް އައްޔަނުކުރި ފަނޑިޔާރުން ހުވާކުރައްވައިފި

ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ހައިކޯޓު

މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭހެން ހައިކޯޓާއި، ކްރިމިނަލް ކޯޓު އަދި ސިވިލް ކޯޓަށް މިއަދު ފަނޑިޔާރުން އައްޔަންކޮށްފިއެވެ.

ފަނޑިޔާރުން ހުވާކޮށްފައި ވަނީ އެކަމަށް ޓަކައި ތީމުގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިނާއި، އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާނާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ހައިކޯޓު

ފަނޑިޔާރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އެގޮތުން ހުވާކުރެއްވި ފަނޑިޔާރުންނަކީ:

  • އަހުމަދު ޝަކީލް - ހައިކޯޓު
  • އިބްރާހީމް އިޙްސާން - ކްރިމިނަލް ކޯޓު
  • އިބްރާހީމް ޛިހުނީ - ކްރިމިނަލް ކޯޓު
  • އާމިނަތު އަޒްލިފާ - ކްރިމިނަލް ކޯޓު
  • ސިނާން ޢަލީ - ސިވިލް ކޯޓު
  • ފައިޞަލް އާދަމް - ސިވިލް ކޯޓު
  • ޢަބްދުﷲ އިޙްސާން - ސިވިލް ކޯޓު
  • މުޙައްމަދު ފަޒީޙު - ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް
  • އަޙްމަދު ނިޔާޒް - ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް
  • ރޫޙުﷲ ޝިޔާމް - ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭ
  • ޔާސިރު މުޙައްމަދު - މ.މުލައް މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް

ހުވާ ލައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު އިބްރާހީމް ވިދާޅުވީ، މިއަދު މަގާމަ ހަވަލުވި އެންމެން ވެސް ހަނދާނުގައި ބަހައްޓަންވީ އެންމެ މުހިންމު ކަމަކީ، އަޚްލާގީ މިންގަނޑުތައް ހިފެއްޓުންކަމަށެވެ. އަދި ރަސްމީ މަސައްކަތާއި ރަސްމީ މަސައްކަތުން ބޭރުގައި އެހެން މީހުނަށް ނަމޫނާއަކަށް ވުމަށް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"ފަނޑިޔާރަކަށް ވާނަމަ ކެތްތެރިކަމާ މަޑުމައިތިރި ކަމުގެ ސިފަ ހުންނަން ވާނެ. ނަމަވެސް މިސިފައަކީ އެ ފަނޑިޔާރެއްގެ ނުކުޅެދުންތެރިކަމަކަށް ވެގެން ނުވާނެ،" ޑރ. މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އޭނާ ވިދާޅުވީ ފަނޑިޔާރުންނަށް ފާޑުކިޔާ ބައެއް މީހުންގެ ނުރުހުން އަމާޒުވާނެކަމަށެވެ. ނަމަވެސް ފާޑުކިއުންތައް ބަލައިގަނެ ރުޅި އަންނަ ހިނދު ރުޅި ކޮންޓްރޯލް ކުރާ ބަޔަކަށް ފަނޑިޔާރުން ވާންވާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް