ބަވަނަވެފައިވާ ދުނިޔޭގައި ދިވެހި ކަނބަލުން ފާހަގަ ވަނީ ހިތްވަރުގަދަ ބައެއްގެ ގޮތުގައި: ނަހުލާ

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްުޔާސް

ބަވަނަވެފައިވާ ދުނިޔޭގައި ދިވެހި އަންހެނުން ފާހަގަ ވަނީ ހިތްވަރު ގަދަ ކަމާއި ނަތީޖާ ނެރޭ ފިސާރި ބައެއްގެ ގޮތުގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަހުލާގެ ވާހަކައިގައި އޭނާ ވަނީ ދިވެހި އަންހެނުން ފާހަގަ ކުރެވެނީ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސާދީ މައިދާނުގައި ފިޔަޖަހާ ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި އަންހެނުންނަކީ ގައުމުގެ މުހިއްމު ނިންމުންތައް ނިންމުމުގެ އެންމެ މަތީ ފަޑީގައި ތިބި ވަރަށް ތޫނު ފިލި ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަވަނަ ވެފައިވާ ދުނިޔޭގައި ދިވެހި އަންހެން ބޭފުޅުން ފާހަގަވަނީ ތައުލީމީ ޖީލެއް ބިނާކުރުން މަތީ ތިބި އަދި މާދަމާގެ ޖީލު ބައްޓަން ކުރާ މުއާތިނުންގެ ގޮތުގަ. މި ގައުމު ކުރިއަރުވާ ރޯޝަން ކުރާނެ ބައެއްގެ ގޮތުގަ. ގައުމުގެ މުހިއްމު ނިންމުންތައް ނިންމުމުގެ މަތީ ފަޑީގައި ތިބި ވަރަށް ތޫނު ފިލި ބައެއްގެ ގޮތުގަ. މި ގައުމު ކުރިއަރުވާ ރޯޝަން ކުރާނެ ބައެއްގެ ގޮތުގަ،" ނަހުލާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ނުހަނު ބާރުމިނުގައި މި އަންނަ ތަރައްގީގެ އޮއިވަރުގައި ގައުމުގެ ދެބައިކޮޅު އެއްބަޔަށް ވުރެ ގިނައިން އަންހެނުން ތިއްބާ އަންހެނުން ބިކަކޮށް ބާކީ ކޮށްފައި ހޯދަން އުޅޭ ތަރައްގީ ހޯދާނީ ކިހިނެއްތޯ ސުވާލު ކުރައްވާ ނަހުލާ ވަނީ ފަސްނުޖެހި ދިވެހި އަންހުންނަށް ފުރުސަތު ދިނުމަށް ގޮވައިލައްވާފައެވެ.

"ޔަގީންވެ ކަށަވަރުވާ އެއް ކަމަކީ މިއަދަކީ އިއްޔެ ނޫންކަން. އިއްޔެ ނެތް އެތައް ފުރުސަތެއް މިއަދު މި ވަނީ ތަނަވަސްވެފަ. އެމީހަކު ބޭނުން ދިމާލަކުން ކިޔެވުމާއި ދުލާއި ގަލަމުގެ މިނިވަންކަން މިއަދު މި ވަނީ ކަށަވަރުވެފަ،" ނަހުލާ ވިދާޅުވިއެވެ.

ފުރުސަތު ދޭއްވީ ހަމައެކަނި ވަކި ފާޑެއްގެ ކަމަކަށް ނުވަތަ ޒިންމާއަކަށް ނޫންކަން ފާހަގަ ކުރައްވަމުން ނަހުލާ ވިދާޅުވީ ރާއްޖޭގައި ފަނޑިޔާރުންނާއި ވަޒީރުންނާއި އޮފީސްތަކުގެ ޒިންމާދާރު ވެރިންގެ ތެރޭގައްޔާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައްޔާއި އަދި ގައުމީ ތަރައްގީގެ ހުރިހާ މަސައްކަތެއްގެ ތެރޭގައި ވެސް ހީވާގި ކަނބަލުންގެ ބައިވެރިވުން ފެންނާތީ އުފާ ކުރައްވާ ކަމަށެވެ.

ނަހުލާގެ ވާހަކަފުޅުގައި، ދިވެހި އަންހެނުންނަކީ ފަހަތުން އަރާ ހުއްޓުވޭ ވަރަށް ވުރެ އެ ކަނބަލުންގެ ހިތްވަރާއި ބުންވަރު ވެސް މާ ގަދަ ބަޔެއް ކަމަށް ވިދާޅުވެ ތައުރީފުކުރެއްވިއެވެ.

"ތިޔަ ހިއްވަރު ގަދަ ކަނބަލުންނަށް މިއަދު އަޅުގަނޑު ދޭނެ މެސެޖަކީ ފަސްޖެހިވަޑައިނުގަންނަވާށޭ. ކުރިޔަށް ވަޑައިގަންނަވާށޭ. ފަހަތުން ދުވެ ކުރިއެރުން ހުއްޓުވޭ ވަރަށް ވުރެ ތިޔަ ކަނބަލުންގެ ހިތްވަރާއި ބުންވަރު ވެސް ގަދަ ވާނޭ. އަދި ދިވެހި ކަނބަލުންނަކީ ނަމޫނާ ހިތްވަރު ގަދަ ބައެކޭ.

މިފަހުން ޖޭޕީގެ ފުރަތަމަ އަންހެން ނައިބު ލީޑަރަކަށް ވެސް އިންތިހާބުވެވަޑައިގެންނެވި ނަހުލާގެ ވާހަކަފުޅު ނިންމަވާލެއްވީ ކުރިޔަށް އޮތް ތަނުގައި ދިވެހި އަންހެނުންނަށް ދެވޭ ފުރުސަތުތައް އިތުރުކުރުމަށް ގޮވާލައްވަމުންނެވެ.

comment ކޮމެންޓް