މަހާތީރާއި އަންވަރާ ދެމެދު އުފެދުނު ޚިލާފުތަކުގެ ހަގީގަތް އަންވަރު ހާމަކުރައްވައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް

ކުއާލަލަންޕޫރު (13 މާޗް 2023): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަދި އެގައުމުގެ ޒަމާނީ ތަރައްގީގެ ބާނީ ކަމަށްވާ މަހާތީރު މުހައްމަދާއި މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާ ދެމެދުގައި އުފެދުނު ދެބަސްވުންތަކާއި ޚިލާފުތަކުގެ ހަގީގަތް އަންވަރު ހާމަކުރައްވައިފިއެވެ.

އަންވަރު އެކަން ހާމަކުރައްވާފައިވަނީ އަލްޖަޒީރާ ޓީވީން ގެންނަ "އަލްމުގާބަލާ" ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމުގައެވެ. "އަލްމުގާބަލާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވީ މަހާތީރުގެ ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރުގެ ކުރީކޮޅުގައި އޭނާއަކީ މަހާތީރާ ވަރަށް ގާތް އަދި އަރިސް ބޭފުޅެއް ކަމަށެވެ.

އޭރު މަހާތީރުގެ ޕާޓީކަމަށްވާ "ޔުނައިޓެޑް މެލޭ ނެޝަނަލް އޮގަނައިޒޭޝަން" (އުމްނޯ) އާ 1982 ވަނަ އަހަރު ގުޅިވަޑައިގަތީވެސް މަހާތީރުގެ އެދިވަޑައިގަތުމުގެ މަތިންކަން އަންވަރު ފާހަގަ ކުރެއްވިއެވެ. "އަމްނޯ" ގައި އަންވަރު ކުރިއަރައިގެން ދިޔައީ ވަރަށް ބާރަށެވެ. އެއާއެކު މަހާތީރުގެ ބޮޑުވަޒީރުކަމުގައި އޭނާގެ އެންމެ އަރިސް އަދި އިތުބާރު ކުރެވޭ ބޭފުޅަކަމަށް އަންވަރުވިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަންވަރު މަހާތީރުގެ ނައިބަކަށް ހުންނެވި ދުވަސްވަރު މަހާތީރާއެކު

އަންވަރުވަނީ މަހާތީރުގެ ބޮޑުވަޒީރުކަމުގައި މެލޭޝިއާގެ ތައުލީމާބެހޭ ވަޒީރުކަމާއި އެނޫންވެސް އިސް ބައެއް މަގާމުތައް ފުރުއްވާފައެވެ. މީގެތެރޭގައި ބޮޑުވަޒީރުގެ ނައިބުކަންވެސް ހިމެނެއެވެ.

ނަމަވެސް 1990ގެ އަހަރުތަކުގެ ފަހުކޮޅުގައި މަހާތީރާއި އަންވަރުގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ. ދެބޭފުޅުން ވަރަށްބޮޑު ދެ ހަތުރުންނަށްވެ މަހާތީރުގެ ވެރިކަމުގައި އަންވަރުގެ މައްޗަށް ޖިނާއީ މައްސަލަތަކެއްގައި ކޯޓުން ޖަލު ހުކުމްތައް ކުރިއިރު އެއީ މަހާތީރުގެ ސަރުކާރުގެ ނުފޫޒުގެ ސަބަބުން ކުރި ހުކުމެއްކަމަށް ތުހުމަތު ކުރެވުނެވެ. އަދި އަންވަރު ބޮޑުވަޒީރުކަމަށް އައުމަށް ކުރެއްވި މަސައްކަތްތަކަށް ހުރަސްއެޅުމަށް އެންމެފަހުންވެސް މަހާތީރު ކުރެއްވި މަސައްކަތް އެއީ މެލޭޝިއާގެ ސިޔާސީ މަސްރަހު އެނގޭ ކޮންމެ މީހަކަށް ވަންހަނާވެގެންވާނެ ކަމެއްނޫނެވެ.

އަންވަރު ވިދާޅުވިގޮތުގައި މަހާތީރާއި އޭނާ ޖައްސައި ދެބޭފުޅުންގެ ގުޅުންތައް ގަޑުބަޑުކުރީ މަހާތީރުގެ މުސްތަޝާރުންގެ ގޮތުގައި އެދުވަސްވަރު ތިއްބެވި ބޭފުޅުންނެވެ. މަހާތީރުގެ މުސްތަޝާރުން ކަންބޮޑުވީ މަހާތީރަށްފަހު މެލޭޝިއާގެ ވެރިކަން އަންވަރަށް ލިބިއްޖެނަމަ އެބޭފުޅުންގެ މަގާމާއި ނުފޫޒު ގެއްލިގެން ދާނެތީއެވެ. މިކަމަށްޓަކައި އަންވަރާބެހޭ ދޮގު ވާހަކަތައް ތަކުރާރުކޮށް މަހާތީރުގެ މުސްތަޝާރުން މަހާތީރަށް ދަންނަވަމުން ދިޔަކަން އަންވަރު ފާހަގަ ކުރެއްވިއެވެ.

އަންވަރަކީ އިސްލާމީ ފިކުރުގެ ސިޔާސީ ބޭފުޅެކެވެ. 1960 ގެ އަހަރުތަކުގެ ފަހުކޮޅު ޔުނިވާސިޓީން ދަސްވެނިވެގެން އަމަލީ މައިދާނަށް ނުކުންނެވުމަށްފަހު އަންވަރު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ މުސްލިމް ޔޫތު މޫމެންޓްގެ ނަމުގައި އިސްލާމީ ސިޔާސީ ޖަމްއިއްޔާއެއް އުފެއްދުމެވެ. މިއާއެކު ސިޔާސީ ކަންކަމުގައި އަންވަރު އުޅުއްވަން ފެއްޓެވިއެވެ.

އޭރު މެލޭޝިއާގެ ބޮޑުވަޒީރަކަށް ހުންނެވީ ދާދިފަހުން އެގައުމުގައި ބޮޑުވަޒީރުކަން ކުރެއްވި ނަޖީބު ރައްޒާގުގެ ބައްޕާފުޅު ޓުން އަބްދުއްރައްޒާގެވެ. ޓުން އަބްދުއްރައްޒާގުގެ ބޮޑުވަޒީރުކަމުގައި 1974 ވަނައަހަރު ދެ އަހަރުގެ މުއްދަތަށް އަންވަރު ޖަލަށްލިއެވެ.

އަންވަރު އޭނާގެ އަނބިކަނބަލުން ޑރ. އަޒީޒާ އިސްމާއީލް އާއެކު

އަންވަރު ވިދާޅުވިގޮތުގައި އޭނާ ޖަލުގައި ހުންނެވި ދުވަސްވަރުގައިވެސް އަދި މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އައުމަށް އޭނާ ކުރެއްވި ދިގު ދަތުރުގައިވެސް އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އޭނާގެ އަނބިކަނބަލުން ޑރ. އަޒީޒާ އިސްމާއީލް އެވެ. އަޒީޒާއަކީ ލޮލުގެ ޑޮކްޓަރެކެވެ. މެލޭޝިއާގައި އަޒީޒާ މަޝްހޫރުވެފައިވަނީ ވާން އަޒީޒާ ވާން ގެ ނަމުންނެވެ. އެކަމަނާގެ އަސްލު ނަމަކީ އަޒީޒާ އިސްމާއީލް އެވެ.

އަންވަރާއި އަޒީޒާގެ ހަ ދަރިން ތިއްބަވައެވެ. އެކުދިން ބަލައި ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ސްކޫލަށް ފޮނުވުމާއި ގޭތެރޭގެ ހުރިހާ ކަމެއް ކުރަމުން ދިޔައީ އަޒީޒާކަން އަންވަރު ފާހަގަ ކުރެއްވިއެވެ. އަންވަރު އުޅުއްވީ ސިޔާސީ ހަރަކާތްތަކުގައެވެ. ބައެއްފަހަރު ޖަލުގައެވެ.

އަންވަރު ވިދާޅުވިގޮތުގައި އޭނާގެ އިސްލާމީ ފިކުރު ބިނާކުރުމުގައި އިސްލާމީ ގިނަ އިލްމުވެރިންތަކެއްގެ އަސަރުތައް ހިމެނެއެވެ. ޚާއްސަކޮށް މަޝްހޫރު އިސްލާމީ މުފައްކިރު އަބްދުއްރަހްމާން އަލްކަވާކިބީއާއި ޕާކިސްތާނުގެ ޒަމާނީ އިސްލާމީ މުފައްކިރު އައްލާމާ މުހައްމަދު އިގްބާލު އަދި އަލްޖަޒާއިރުގެ މަޝްހޫރު އިސްލާމީ މުފައްކިރު މާލިކް ބިން ނަބީ ފަދަ ބޭބޭފުޅުން ހިމެނެއެވެ. އެބޭފުޅުންގެ ފޮތްތައް ވިދާޅުވެ އެބޭފުޅުންގެ ފަރާތުން ވަރަށް ބޮޑު އިލްހާމުތަކެއް ލިބުނުކަން އަންވަރު ފާހަގަ ކުރެއްވިއެވެ.

އަންވަރަކީ ހުޅަނގުން ފަތުރާ ލާދީނީ ލެބެރަލް ފިކުރަކީ އިސްލާމް ދީނަށް އޮތް ނުރައްކަލެއްކަމަށް ދެކޭ އަދި ލެބަރަލް ފިކުރަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އަދި އަންވަރަކީ އިސްލާމް ފޯބިއާ އާ ދެކޮޅަށް މަސައްކަތްކުރައްވާ އަދި އިޚްވާނުލް މުސްލިމޫންގެ ފިކުރާ އެއްގޮތް ދީނާއި ސިޔާސަތު ވަކިނުކުރާ އިސްލާމީ ފިކުރުގެ ބޭފުޅެއްކަމަށް މަޝްހޫރު ބޭފުޅެކެވެ.

އަންވަރު ވިދާޅުވިގޮތުގައި މަހާތީރުގެ ވެރިކަމުގައި އޭނާ ޖަލަށްލެވި ބަދުނާމުވެ ގިނަ އަނިޔާތަކެއް ލިބުނު ނަމަވެސް އަދި އޭނާ ބޮޑުވަޒީރުކަމަށް އައުމަށް ކުރެއްވި މަސައްކަތްތަކަށް މަހާތީރު ހުރަސްއެޅުއްވި ނަމަވެސް މަހާތީރާމެދު ދާއިމީ ދުޝްމަންކަމެއް ބާއްވަން ބޭނުމެއް ނޫނެވެ. މަހާތީރަށް ހިތްހެޔޮކަމަށްވެސް އަންވަރު ވިދާޅުވިއެވެ. ނަމަވެސް މިހާރު ދެބޭފުޅުންގެ މެދުގައި އެއްވެސް ގުޅުމެއް ނޯންނަކަމާއި ފޯނުންވެސް ނުގުޅުއްވާކަން އަންވަރު ހާމަކުރެއްވިއެވެ.

ނަމަވެސް މަހާތީރަށް ފޯނުން ގުޅުއްވައި ރަހްމަތްތެރިކަމުގެ ގުޅުންތައް އަލުން އިއާދަކުރަން މަސައްކަތް ކުރައްވާނެކަމަށް އަންވަރު ވިދާޅުވިއެވެ. އަދި މެލޭޝިއާ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގައި އިސް ދައުރެއް އަދާކުރެއްވީ މަހާތީރުކަން، އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށްވެސް އަންވަރު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް