ޖެނާ ވެސް ވެނިސްޑޭ ޑާންސް މަތިން ފޫހިވެއްޖެ

ނެޓްފްލިކްސްގެ ހިޓް ޝޯ "ވެނިސްޑޭ"އިން ފެނި، ޓިކްޓޮކްއިން ވައިރަލްވި މަޝްހޫރު ޑާންސް މަތިން އެ ޝޯގެ އެކްޓަރު ޖެނާ އޯޓޭގާ ވެސް ފޫހިވެއްޖެއެވެ.

މިދިޔަ އަހަރު ނެރުނު "ވެނިސްޑޭ"ގައި ވެނިސްޑޭ އެޑަމްސްގެ ރޯލުން ފެންނަ ޖެނާއަށް އަންނަނީ އެތައް ބައެއްގެ ތަރުހީބު ލިބެމުންނެވެ. ވެނިސްޑޭ ބޮޑު ހިޓަކަށް ވި އިރު މުޅި ޝޯއިން ވެސް އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލުވީ އެ ޝޯގެ އެޕިސޯޑެއްގައި ޖެނާ ދައްކާ ޑާންސަކަށެވެ.

މާ ގިނަ އިރުތަކެއް ނުވެ އެ ޑާންސް ރޫޓީން މުޅި އިންޓަނެޓްގައި ވައިރަލްވިއެވެ. ޓިކްޓޮކްއިން ވެނިސްޑޭ ޑާންސް ޗެލެންޖުގެ ނަމުގައި ޓްރެންޑު ފަށައި، އެ ރޫޓީންއަށް ގިނަ ބަޔަކު ނަށާފައިވެއެވެ.

ވެނިސްޑޭގައި ދައްކުވައިދިން ޑާންސް އަކީ ލޭޑީ ގާގާގެ ލަވައެއްގެ ރިމިކްސްއަށް ތައްޔާރުކޮށްފައިވާ ޑާންސްއެކެވެ. އަދި މި ޑާންސް ކޮރިއޮގްރާފް ކޮށްފައިވަނީ ޖެނާ އެވެ.

ކޮންމެއަކަސް ދާދިފަހުން ބޭއްވި އެސްއެންއެލް އިވެންޓުގައި ޖެނާ ވަނީ އޭނާ އެ ޑާންސް ކުރުމަށް ފޫހިވެފައިވާ ކަމަށް އިޝާރާތްކޮށްފައެވެ. އެސްއެންއެލްގެ މިދިޔަ ހަފުތާ ބަންދުގެ އެޕިސޯޑުގައި ގެސްޓެއް ގޮތަށް ބައިވެރިވި ޖެނާ ވަނީ އެ ޑާންސް ކުރަން ބޭނުން ނުވާ ކަމަށް ވެސް ބުނެފައެވެ.

އެގޮތުން ކުޑަ ސްކެޗެއް ހެދި އިރު އެއަށް ޑާންސް ކުރަން ބޭނުން ނުވާ ކަމަށް ބުނި އިރު ސެޓުގައި ތިބި އެހެން މީހުން ވަނީ އެ ޑާންސް އަށް ރެޑީވެފައެވެ. ދެން ފެންނަނީ ޖެނާ ފޫހިވެ ހުރެ އެ ޑާންސް ކުރާ ތަނެވެ.

ވެނިސްޑޭގެ ދެވަނަ ސީޒަން އަންނަ އަހަރު ފެންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރެއެވެ.

comment ކޮމެންޓް