އެއްވެސް މީހެއްގެ ''އެޖެންޓެއް ނޫން''، ފަހަތަށް ނާރާނަން: ޑރ. މުނައްވަރު

ޑރ. މުނައްވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ރިޔާސީ އިންތިޚާބުގައި ވާއްދަކުރައްވަން ނިންމެވީ އެއްވެސް މީހެއްގެ "އޭޖެންޓެއްގެ" ގޮތުގައި ނޫން ކަމަށާއި އެއްވެސް ބޭފުޅެއްގެ ފަހަތަށް ނާރާނެ ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޑރ. މުނައްވަރު އެކަން ހާމަކުރެއްވީ މި މަހުގެ ފަސްވަނަ ދުވަހުގައެވެ. ނަމަވެސް މުނައްވަރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތުން ނެރޭ އޭޖެންޓެއް ކަމަށް މީހުން އަންނަނީ ތުހުމަތުކުރަމުންނެވެ.

އެކަމަށް ރައްދުދެއްވައި، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ އިންތިޚާބަށް ނުކުމެވަޑައިގަތުމަށް ނިންމީ އެއްވެސް ސިޔާސީ ބޭފުޅަކާ މަޝްވަރާ ކުރެއްވުމަށްފަހުގައި ނޫން ކަމަށެވެ.

އެހެން ނަމަވެސް ފާއިތުވި އަހަރު، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުރިކަން ރައީސް ނަޝީދާ ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަހުން އެކަމުގެ އެއްވެސް މަޝްވަރާއެއް އެ މަނިކުފާނާ ކުރައްވާފައި ނުވާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

"އަޅުގަނޑު މި ކުރިމަތިލަނީ އެއްވެސް ހާލެއްގައި އެއްވެސް ބޭފުޅެއްގެ އޭޖެންޓެއްގެ ގޮތުގައެއް ނޫން. އެއްވެސް ބޭފުޅެއް އެދިވަޑައިގެން ވެސް ނޫން. މި ދެންނެވީ ސިޔާސީ ބޭފުޅެއް،"

މުނައްވަރު ވިދާޅުވީ މިހާރު ސިޔާސީ ގޮތުން ހަރަކާތްތެރިވަމުންދާ އެއްވެސް ސިޔާސީ ލީޑަރަކާ އެކަމުގެ މަޝްވަރާ ކޮށްފައިނުވާނެ ކަމަަށެވެ. އަދި އެކަމަށް ކުރިމަތިލައްވަން ނިންމެވީ އެއްވެސް ބޭފުޅެއްގެ ރަނިންމޭޓަކަށް ވާން ނޫން ކަމަށާއި ފައިސާކޮޅެއް ލިބުމުން ނަން އަނބުރާ ނަންގަވާކަށް ވެސް ނޫން ކަމަށް އޭނާ ބާރުލާފައި ވިދާޅުވިއެވެ.

ރައީސް ކަމަށް ކުރިމަތިލެއްވި ސަބަބު ހާމަކުރައްވަމުން މުނައްވަރު ވިދާޅުވީ ވަރަށް ގިނަ މީހުން މިއަދު މި ގައުމުގެ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދާ ކަަމަށާއި މިއަދު އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބޮޑެތި 'ޑީލް'ތައް ހައްދަވާއިރު އެއިން އެއްވެސް ކަމެއްގައި ރައްޔިތުން ނުހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުން ގުރުބާން ކުރުމަށްފަހު، އެއްވެސް ބޭފުޅަކާއެކު އެއްވެސް ސިފައެއްގައި ޑީލް ހެދުމެއް ނޯންނާނެ. ދިވެހިރައްޔިތުންނާއެކު ޑީލް ހަދާނީ،" މުނައްވަރު ވިދާޅުވިއެވެ.

ރިޔާސީ ރޭހަށް ނުކުންނަން ނިންމެވީ ގައުމު ނެތިދާކަމުގެ އިހުސާސް ވެގެން ކަމަށާއި އެއީ ހަމައެކަނި އޭނާއަށް ކުރެއްވޭ އިހުސާސެއް ނޫން ކަމަށް މީގެ ކުރިން ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މުނައްވަރު އިތުރަށް ވިދާޅުވީ އޭނާ ބޭނުންފުޅުވަނީ ދިވެހި ރައްޔިތުންނާ ކޯލިޝަން ހައްދަވަން ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި އޮންނާނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބަށް ރައްޔިތުންގެ ތާއީދުހޯދުމުގެ ގޮތުން އޭނާގެ ސިޔާސަތުތަކާއި މަގުސަދު ރައްޔިތުންނަށް ބުނެދީ، ތާއީދު ހޯދުމުގެ މަސައްކަތް އިންތިޚާބާ ދޭތެރޭ މިއޮތް މުއްދަތުގައި ކުރަމުން ގެންދާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އޭނާގެ ކެމްޕޭން ލޯގޯއެއްގެ ގޮތުގައި ބޭނުން ކުރަނީ އައްޑު އަތޮޅަށް ހާއްސަ 'ދޮންދީނި'އެވެ.

comment ކޮމެންޓް