ފުލުހުންނާއި 'ސަން' ގުޅިގެން ޚާއްޞަ ޕްރޮގްރާމްތަކެއް

ސަން ސިޔާމް މީޑިއާއިން ފުލުހުންނާ އެކު ފަހުމުނާމާގައި ސޮއިކުރުން-- ސަން ފޮޓޯ/ އާދަމް ނިޝާމް

ފުލުހުންނާ ގުޅިގެން ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ސަން ސިޔާމް މީޑިއާއާ އެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި ފުލުހުންގެ ކޮމިއުނިޓީ އެންގޭޖްމަންޓުގެ މީޑިއާ ޕާޓުނަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ 'ސަން ސިޔާމް މީޑިއާ'ގެ އެސްއެސްޓީވީންނެވެ. އެސްއެސްޓީވީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީނެވެ. ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު 'ސަން'އާ ވާހަކަދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މުޅި ރާއްޖޭގައި ކުށް މަދު ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކުރިއަށް ރޭވިފައި އެބަހުރި ކަމަށެވެ.

"މި ޕާޓްނަރުންނާ އެކީގައި އަޅުގަނޑުމެންނަށް މުޅި ރާއްޖޭގައި ހަރަކާތްތައް ހިންގިންޖެއްޔާ އަޅުގަނޑުމެންގެ މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ." އޭނާ ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ އެންމެ ބޮޑު އެއް އަމާޒަކީ މުޅި ރާއްޖޭގައި ވެސް ކޮމިއުނިޓީ އެމްޕަވާމަންޓު ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށެވެ. އެ މަގުސަދުގެ ދަށުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި މިއަދު އެއްބަސްވުމުގައި ސޮއިކުރެވުނު ޕާޓްނަރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްބަސްވުމާ ގުޅިގެން ޒަހީން ވިދާޅުވީ މިއަދު އެއްބަސްވުމުގައި ސޮއިކުރެވުނު ނަމަވެސް ފުލުހުންނާއި އެސްއެސްޓީވީ ގުޅިގެން ކުރިއަށް ގެންދަން ރޭވިފައި ހުރި ޕްރޮގްރާމްތަކުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށާއި ބައެއް ޕްރޮގްރާމްތަކުގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ މި ކުރި ކަމަކީ ޑްރާމާ ސީރީޒެއް، އެއީ ރަމަޞާން މަހަށް އަޅުގަނޑުމެން ތައްޔާރު ކުރާ ސީރީޒެއް." އޭނާ ވިދާޅުވިއެވެ.

'ވަޒަނަށްޓަކައި' ނަމުގައި ގެނެސްދޭ މި ޑްރާމާ ސީރީޒްގެ ފުރަތަމަ އެޕިސޯޑު ދައްކަން ހަމަޖެހިފައިވަނީ ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. ޒަހީން ވިދާޅުވީ އެއަށް ފަހުގައި މުޅި ރޯދަމަހަށް ބަހާލައިގެން އެސްއެސްޓީވީން މި ޑްރާމާ ސީރީޒް ދައްކަމުން ގެންދާނެ ކަމަށެވެ.

މި ޑްރާމާއާ ގުޅޭ އިތުރު ތަފުސީލު ދެއްވަމުން ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ މުޖުތަމައުގައި ހިނގާ ކަންކަމާ ގުޅޭ ގޮތުން މި ޕްރޮޑަކްޝަންގައި ބޮޑަށް އަލިއަޅުވާލާފައިވާނީ އަތޮޅުތެރޭ ރަށްރަށުގައި ހިނގާ ކަންކަމުގެ މައްޗަށް ކަމަށެވެ.

"މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމާއި ޖިނާއީ މައްސަލަތަކާ ގުޅޭ ގޮތުން ފޯކަސް ކޮށްލާފައި އަޅުގަނޑުމެން މި ކޮންސެޕްޓް ރާވާލާފައިވާނީ." އޭނާ ވިދާޅުވިއެވެ.

މި ޑްރާމާގެ ސްކްރީން ޕްލޭ ލިޔެ ތައްޔާރުކުރީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަޙްމަދު ނާފިއުއެވެ.

މި ޑްރާމާގެ ޑައިރެކްޓަރު އަލީ ރަޝީދު ވިދާޅުވީ މި ޑްރާމާ ގެނެސްދީފައިވާނީ އެ ހާދިސާތަކުގެ މައްޗަށް ސިނަމެޓިކް ގޮތެއްގައި އަލިއަޅުވާލައިގެން ކަމަށާއި މިއީ ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުދާނެ ޑްރާމާއެއް ކަމަށް ވެގެންދާނެ ކަމަށެވެ.

"ވަރަށް ސަސްޕެންސް އެއްޗެއް ގޮތުގައި ފެނިގެން ދާނީ، އެ ހަމަ ފާހަގަކޮށްލަން ބޭނުންވޭ." އަލީ ވިދާޅުވިއެވެ.

ޑްރާމާގެ ސްކްރިޕްޓާ ބެހޭ މާ ބޮޑު ތަފުސީލެއް ހާމަނުކުރި ނަމަވެސް އަލީ ވިދާޅުވީ މި ޑްރާމާއަކީ ބެލުންތެރިންނަށް ކަމުދާނެ ކަހަލަ ގޮތަކަށް ގެނެސްދޭ ރަނގަޅު ޑްރާމާ ސީރީޒަކަށް ވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް