އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި ކަޓުވާލުމަށްފަހު ގަން ސެމީއަށް

ތިމަރަފުއްޓާއި ގަން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު އެންމެ ފަހުން ކާމިޔާބުކުރި ތިމަރަފުށި ކަޓުވާލުމަށްފަހު، ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ސެމީ ފައިނަލަށް ގަން ދަތުރުކޮށްފިއެވެ.

ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ވެސް ވަނީ ގޯލެއް ޖަހައިފައެވެ.

މެޗުގައި ގަމުގެ ގޯލު ޖެހީ ހުސައިން ޝަރީފެވެ. އަދި ތިމަރަފުށީގެ ގޯލު ޖެހީ އަބްދުﷲ ޒިޔާނެވެ.

މެޗުގެ ނަތީޖާ އެއްވަރުވެފައި ވުމުން ޕެނަލްޓީ ޖަހައި ގަމުން ވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ މެޗުގައި ގަމުން ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު ތިމަރަފުއްޓަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީއެވެ.

ތިމަރަފުއްޓާއި ގަން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް