ރޯދަމަސް ގާތްވެފައި ވަނިކޮށް ކަރާ ކިލޯއެއްގެ އަގު 25 ރުފިޔާއަށް

މާރުކޭޓުގައި ވިއްކަން ބަހައްޓާފައިހުރި ކަރާތަކެއް -- ސަން ފޮޓޯ

މާލޭ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 25 ރުފިޔާއަށް އުފުލިއްޖެއެވެ.

ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 25 ރުފިޔާއަށް އުފުލިފައިވާއިރު، މިދިޔަ ހަފްތާގައި ކަރާ ކިލޯއެއް 15 ރުފިޔާއަށް ވިއްކިއެވެ.

ހުޅުމާލޭގައި ހޯލްސޭލްކުރާ ވިޔަފާރިތަކުން ވެސް މިދިޔަ ހަފްތާގައި ކަރާ ކިލޯއެއް 9 ރުފިޔާއަށް ވަނީ ވިއްކާފައެވެ. ނަމަވެސް މިއަދު އެ ތަންތަނުން ވެސް ކަރާ ކިލޯއެއް ވިއްކަނީ އެންމެ އަގުހެޔޮކޮށް ވެސް 19 ރުފިޔާއަށެވެ.

މާލޭ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 25 ރުފިޔާއަށް ހުރިއިރު، އެންމެ އަގުހެޔޮކޮށް ވިއްކާ މާރުކޭޓުތަކުގެ ގޮޅިތަކުން ކަރާ ކިލޯއެއް ވިއްކަނީ 22 ރުފިޔާއަށެވެ. ދަތުރުވެރިންގެ މާރުކޭޓުގައި މި ވަގުތު އިންޑިއާ ކަރާ ހުރީ ވަރަށް މަދުންނެވެ. މާރުކޭޓުގައި މިއަދު ގިނައިންހުރީ ލ. އަތޮޅުގެ ރަށްތަކުން ގެނައި ކަރައެވެ.

ވިޔަފާރިވެރިން ބުނާގޮތުގައި ކުރިއަށްއޮތީ ރަމަޟާން މަސްކަމުން ކުރިއަށް އޮތް ތަނުގައި ކަރާގެ އަގު ދަށަށް ދާނޭ ކަމަށް ނުބެލެވެއެވެ.

"މިހާރު ކަރާ ކިލޯއެއް މިހިރީ 25 ރުފިޔާގައި. ހަފްތާއެއްހާ ދުވަސްކުރިން 12 ރުފިޔާއަށްވެސް ކަރާ ކިލޯއެއް ވިއްކިން. ހިޔެއް ނުވޭ ދެން ކުރިން ވިއްކި އަގުގައި ކަރާ ލިބޭނެހެނެއް. އަނެއްކާ ރަމަޟާންމަހު ދޯ ލިބޭ އެއްޗެއް ލިބޭނީވެސް" ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއަކުން ވާހަކަދެއްކި ދިވެއްސަކުން ބުންޏެވެ.

ޒަމާނުއްސުރެން ކަރައަކީ ރަމަޟާންމަހު ދިވެހިން ފަނިގިރަން އެންމެ ގިނައިން ބޭނުންކުރަމުން އަންނަ އެއް މޭވާއެވެ. ކޮންމެ އަހަރެއްގެ ވެސް ރަމަޟާންމަސް ފެށުމާއިއެކު ބާޒާރުގައި ކަރާގެ އަގުތައް ބޮޑުވެއެވެ.

މިދިޔަ އަހަރު ވެސް ރޯދަމަސް ފެށުމުގެކުރިން 12 ރުފިޔާ އާއި 15 ރުފިޔާ އާ ދެމެދުގެ އަގަކަށް ކަރާ ކިލޯއެއް ވިއްކި ނަމަވެސް، ރޯދަމަސް ފެށުމާއިއެކު ކަރާ ކިލޯއެއްގެ އަގު 25 ރުފިޔާއަށް އަރައިގެން ދިޔައެވެ.

ރަމަޟާންމަސް ފެށެން ކައިރިވެފައިވާއިރު، ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ. މިގޮތުން މިހާރުވެސް ލުނބޯގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ބާޒާރުގައި އާއްމު ގޮތެއްގައި ލުނބޯ ކިލޯއެއް މިހާރު 80 ރުފިޔާއަށް ލިބެންހުރިއިރު، އާއްމުކޮށް ލުނބޯ ކިލޯއެއް 30 ރުފިޔާއަށް ލިބެއެވެ.

comment ކޮމެންޓް