އާބަން ބޮލެވާޑުގައި ކެފޭ އާއި ރެސްޓޯރަންޓުތައް ހަދަން ހަ ވިޔަފާރިއަކާ ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތައް

ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ޗެނަލް ޕާކު ސަރަހައްދުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތަރައްގީކުރަން ރާވާފައިވާ އާބަން ބޮލެވާޑުގައި ކެފޭ އަދި ރެސްޓޯރެންޓްތައް ހަދަން ހަ ވިޔަފާރިއަކާއެކީ މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކެފޭ އާއި ރެސްޓޯރަންޓުތައް އަޅަން ހަވާލުކުރި ވިޔަފާރިތަކުގެ ތެރޭގައި ރާއްޖޭގައި ނަން މަޝްހޫރު ގިނަ ކުންފުނިތަކާއި، ކެފޭ ރެސްޓޯރަންޓް ހިންގުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ތަޖުރިބާ ހޯދައިފާވާ ކުންފުނިތަށް ހިމެނެއެވެ. އެޗްޑީސީން މިއަދު ސޮއިކުރި ވިޔަފާރިތަކަކީ ޑައިންމޯ، ބްރަދާސް ކޭޓަރިން، ރެފްކޫލް، ސެލްސިއަސް ޕްރައިވެޓް ލިމިޓެޑް، މިސްރާބު ޕްރައިވެޓް ލިމިޓެޑް، އަދި ޑްރީމްސް ޕްރައިވެޓް ލިމިޓަޑެވެ.

ޗެނަލް ޕާކުގެ އާބަން ބޮލެވާޑުގައި ކެފޭ އާއި ރެސްޓޯރަންޓުތައް އަޅަން ވިޔަފަރިތަކާ ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- (ފޮޓޯ/އެޗްޑީސީ)

އެޗްޑީސީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އާބަން ބޮލެވާޑް ނިމިގެންދާއިރު އެ ސަރަހައްދު ވެގެންދާނީ ހުޅުމާލޭގެ ތަރައްގީ އާއި ބަދަހިވަންތަ މުޖުތަމައު ދައްކުވައިދޭ ފުރިހަމަ ރަމްޒަކަށް ކަމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ތަރައްގީކޮށްފައިވާ ބޮލެވާޑުތަކާ އެއްގޮތަށް މި ސަރަހައްދު ވެސް ވެގެންދާނީ ގިނަ ޙިދުމަތްތަކެއް އެއްތަނަކުން ލިބިގެން ދާނެ ތަނަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާބަން ބޮލެވާޑު ތަރައްގީކުރެވުމުން ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ މީހުން އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ބޭނުން ކުރެވޭނެ މަގުބޫލު ސަރަހައްދަކަށް ވެސް އެތަން ވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ބާބަކިޔު ސަރަހައްދުގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުންދިޔަ ހިސާބު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި އާއްމުން މުނިފޫހިފިލުވާ ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތަކެއް ހިންގުމުގެ ގޮތުން ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް، ފަދަ ގިނަ ވަސީލަތްތަކެއް ގާއިމްކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެއަކީ ހުރިހާ ގޮތަކުން ވެސް ތަފާތު، ސްމާޓް ސިޓީއެއްގެ ކުލަ ޖެހިފައިވާ ތަހުޒީބް ރަށަކަށް ހެދުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށުގެ ސާފުކަމާއި، އުމްރާނީ އަދި އަސާސީ ގޮތުން ބޭނުންވާނެ ހުރިހާ ފަންތިއެއްގެ ތަރައްގީގެ ޗާޓުތަކާއި ޕްލޭންތައް ހަގީގަތަކަށް ހެދުމަށް އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ އާންމުންގެ ޚީޔާލާ އެއްގޮތަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް