ހަތް މިލިއަން ރުފިޔާގެ ޑްރަގާ ހަވާލުވާން ދިޔަ ދެވަނަ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު ރާއްޖެ އައި އުމުރުން 58 އަހަރުގެ ސްވިޒަލޭންޑް ފިރިހެނަކު ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ ކޮކެއިންއާ ހަވާލުވާން ދިޔަ ދެ ދިވެހި ފިރިހެނުންގެ ތެރެއިން އެކަކު ދޫކޮށްލުމަށްފަހު ދެވަނަ މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފިއެވެ.

މަސްތުވާތަކެތި އެތެރެކުރި މީހާގެ އެއްބާރުލުމާއެކު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި އެ ފޮއްޓާ ހަވާލުވާން ދިޔަ ދެ މީހުން ވެސް އަތުލައިގަތެވެ.

މި މައްސަލައިގައި އެކިފަހަރު ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު އެ ތަނުން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ މި މަހުގެ ދެ ވަނަ ދުވަހެވެ.

އެ މައްސަލައިގައި ދެން ހުރި އުމުރުން 39 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ހަމަވުމުން ޕީޖީ އޮފީހުން ބަންދު ދެމެހެއްޓުމުގެ އަމުރަކަށް އެދުމުން ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމްވަނީ އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިދެއްވައިފައެވެ.

އެ އަމުރުކުރީ އެކަށީގެންވާ މިންވަރަށް ހެކިހުރުމުން ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

އެ މައްސަލައިގައި ހިމެނޭ ދެވަނަ މީހާ ދޫކޮށްލަން ނިންމީ، އޭނާގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް، މައްސަލައިގެ ހާލަތާއި ސަބަބަށް ބަލާއިރު އޭނާގެ މައްޗަށް ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށް ކޯޓު އަމުރުގައިވެއެވެ.

މިދިޔަ ޑިސެމްބަރުގައި ރާއްޖެ އައި ސްވިޒަލޭންޑު މީހާގެ ލަގެޖް ކަސްޓަމްސްއިން ޗެކްކުރީ ފޮށީގައި ފޯލްސް ބޮޓޮމެއް އިންކަމަށް ސްކޭން އިން ދެއްކުމުންނެވެ. ލަގެޖް ބަލާ ފާސްކުރިއިރު އޭގައި ފޮރުވާފައިހުރި ޖުމްލަ 2.2 ކިލޯ އަރައި ތިން ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.

comment ކޮމެންޓް