ދިއްފުށީގައި އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން ''ކަނބާ އެވޯޑު''

"ކަނބާ އެވޯޑު" ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ކ. ދިއްފުށީގައި އަންހެނުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދީފިއެވެ.

ދިއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން މިދިޔަ އަހަރު ތައާރަފުކުރި "ކަނބާ އެވޯޑް"އަކީ އަންހެނުން ބާރުވެރިކުރުވާ، އަންހެނުން މަދު ދާއިރާތަކަށް އަންހެނުން ނުކުތުމަށް ހިތްވަރުދީ، ރަށުގެ ތަރައްގީއަށް މަސައްކަތްކުރާ އަންހެނުންގެ އަގު ވަޒަންކުރުމަށް ދޭ އެވޯޑެކެވެ.

އެ އެވޯޑު ތައާރަފު ކުރުމުގެ ގޮތުން މިދިޔަ އަހަރު އެ އެވޯޑު ދީފައި ވަނީ، ދިއްފުށީގައި ތައުލީމުގެ ބިންގާ އެޅުމަށް ބުރަ މަސައްކަތެއް ކުރެއްވި ސޮފިއްޔާ މުހައްމަދަށެވެ.

ރޭ ދިއްފުށީ ފިކުރީ ޕްރީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި، މިއަހަރުގެ ކަނބާ އެވޯޑު ދީފައި ވަނީ، ދިއްފުށީގެ ތަރައްގީއަށް އެކި ގޮތްގޮތުން ޚިދުމަތްކުރެއްވި ފާއިޒާ އަބްދުލް އަޒީޒަށެވެ.

އޭނާ ދިއްފުއްޓަށް ހިލޭ ސާބަހަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ރަށުގައި ހިންގާ އިޖުތިމާއީ ކަންކަމުގައި އަމިއްލަ އިސްނެގުމުގެ ދަށުން މަސައްކަތް ކޮށްދިނުން ހިމެނެއެވެ. އަދި އަންހެނުންގެ ކުރިއެރުމަށް އެތައް މަސައްކަތްތަކެއްކޮށް، ރަށުގައި ސަގާފީ ކުޅިވަރު އާލާކުރުމަށް ރަށުގައި ޑާންސް ގުރޫޕެއް އުފެއްދުމާއި ދިއްފުށީގައި ފެރީގެ ޚިދުމަތް ފެށުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވެއެވެ.

މީގެ އިތުރުން، މީރު އައިލެންޑް ރިސޯޓުގެ ޑިރެކްޓަރު އިބްރާހީމް ނޫރައްދީނާ ގުޅިގެން ދިއްފުށީ ފިކުރީ ޕްރީ ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތްކޮށް، އެ ރަށުގައި އޮންނަ އަންހެނުންގެ ޖަމިއްޔާއެއް ކަމަށްވާ އެކުވެރި ރޯޝަން ކްލަބާ ގުޅިގެން ރަށުގެ ތަރައްގީއަށް ޓަކައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފާއިޒާ ބުނީ، މިފަދަ އެވޯޑެއް ލިބޭނެކަމަށް އޭނާ ހީކޮށްފައި ނުވާކަމަށެވެ. އަދި މި އެވޯޑުގެ ސަބަބުން އޭނާގެ މަސައްކަތް ބަލައިގެންފައި ވާކަމުގެ އިހުސާސް ކުރެވޭކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ މަސައްކަތް ބަލައިގެންފި ކަމުގެ އިހުސާސް މިހާރު ކުރެވޭ. ރަށުގެ އެންމެން ވެސް މިކަން ބަލައިގަތްކަން އިހުސާސްވާތީ މިއަދު ވަރަށް އުފާވޭ،" ފާއިޒާ ބުންޏެވެ.

comment ކޮމެންޓް