ސާދަ ފަތުރުވެރިންނާއެކު ދަތުރުކުރި ކ. ދިއްފުށީ ލޯންޗެއް މިއަދު އަޑިއަށް ހިނގައްޖެއެވެ.
މި ހާދިސާގެ ތަފުސީލު ދެއްވަމުން ދިއްފުށީ ކައުންސިލް މެމްބަރު ހަސަން ޝައްފާން 'ސަން'އަށް ވިދާޅުވީ، އެ ލޯންޗު އަޑިއަށް ދިޔައީ ސިނަމަން ދޮންވެލި މޯލްޑިވްސް ކައިރިއަށް ކަމަށެވެ.
އެ ލޯންޗުގެ ވެރިޔާއާ ހަވާލާދީ، ޝައްފާން ވިދާޅުވި ގޮތުގައި، ލޯންޗު އަޑިއަށް ދިޔައީ ފަހަތުން ދިޔަވާން ފެށުމުން ޕަންޕުން ވެސް ފެން ނުހިންދިގެންނެވެ.
މި ލޯންޗުން ޖުމުލަ 18 މީހުން ދަތުރުކުރިއެވެ. އެއީ، ސާދަ ފަތުރުވެރިންނާއި ހަތަރު ދިވެހި ގައިޑުންނެވެ. އޭގެތެރޭގައި، ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.
ޝައްފާން ވިދާޅުވީ، އެ ހުރިހާ އެންމެން ވެސް މިހާރު ދިއްފުއްޓަށް ގެނެސްފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާ ކަމަށެވެ. އަދި، އެ ރަށަށް މިހާރު ވެސް ވިއްސާރަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
'ސަން'އިން ސުވާލުކުރުމުން ފުލުހުން ބުނީ، ފަތުރުވެރިން ގޮވައިގެން ދިއްފުއްޓަށް ދަތުރުކުރި ލޯންޗެއް ދިޔަވެ، އަޑިއަށް ދިޔަ ހާދިސާއެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި، މި ހާދިސާގައި ލޯންޗުން ދަތުރުކުރީ، ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިން ކަމަށާއި މި ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަން ފުލުހުން ފާހަގަކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ހާދިސާއާ ގުޅިގެން ދައުރުވާ ވީޑިއޯއަކުން ފެންނަނީ، ލޯންޗުގައި ތިބި ފަތުރުވެރިން ޑައިވިން ދޯންޏަކަށް ނަގާ ތަނެވެ. އެ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެންނުން ތިބިތަން ފެނެއެވެ. އަދި، ލޯންޗު އެއްކޮށް އަޑިއަށްދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އަންނައިރު، މި ދުވަސްވަރު ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި، ކަނޑުމަތީގެ ހާދިސާތައް ވެސް މި ފަހުން ހިނގައި، ބަޔަކު ގެއްލިފައިވާތީ މޫސުމަށް ސަމާލުވުން މުހިންމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ވިއްސާރައިގައި ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް އަޑިއަސް ގޮސްފައިވެއެވެ. އެ ހާދިސާގައި ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތް ކުރަން ދިޔަ ފުލުހަކާއި ސިފައިންގެ މީހަކު ވެސް ގެއްލި، މިހާތަނަށް ކުރި މަސައްކަތުން ހޯދިފައިނުވެއެވެ.