ސްޓެލްކޯއަށް ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ހަތަރު މުވައްޒަފަކަށް ޙައްޖާއި ޢުމްރާ ދަތުރު ދީފިއެވެ.
އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން މި އަހަރު ޙައްޖާއި ޢުމްރާ ދަތުރު ލިބޭ ފަރާތްތައް ގުރުއަތުން ހޮވީ ރޭ ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސްޓެލްކޯއިން ބުނީ މި އަހަރު ޙައްޖު ދަތުރަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވަނީ ފިރިހެން 96 މުވައްޒަފުންނާއި އަންހެން 22 މުވައްޒަފުން ކަމަށެވެ.

ސްޓެލްކޯއިން ހަތަރު މުވައްޒަފަކަށް ޙައްޖާއި ޢުމްރާ ދަތުރު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން --
ޢުމްރާއަށް ދާން ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަ ވެފައިވަނީ ފިރިހެން 262 މުވައްޒަފުންނާއި އަންހެން 56 މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ މުވައްޒަފުންގެ މެދުގައި ނެގި ގުރުއަތުން ޙައްޖަށް ދިޔުމަށް ފިރިހެން މުވައްޒަފުންގެ ތެރެއިން ހޮވިފައި ވަނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޢަބްދުﷲ ޝަރީފެވެ. އަންހެން މުވައްޒަފަކަށް ގުރުއަތުން ހޮވިފައި ވަނީ ފައިނޭންސް ޑިޕާޓްމެންޓުގެ ޚަދީޖާ ތައުފީޤާއެވެ.

ސްޓެލްކޯއިން ހަތަރު މުވައްޒަފަކަށް ޙައްޖާއި ޢުމްރާ ދަތުރު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން --
ޢުމްރާ ދަތުރަށް ގުރުއަތުން ހޮވުނު ފިރިހެން މުވައްޒަފަކީ އެ ކުންފުނީގެ ސާވިސް ސެންޓަރުގައި މަސައްކަތްކުރާ ޝާހުލް ހަމީދެވެ. އަންހެން މުވައްޒަފަކަށް ހޮވިފައިވަނީ، ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ފާތިމަތު ރިޒްނާއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ޙައްޖަށް ދިޔުމުގެ ފުރުސަތު ދެނީ އެ ކުންފުނީގައި މަދުވެގެން 15 އަހަރު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް އެދި ކުރިމަތިލާ ފަރާތްތަކަށެވެ. އޭގެ އިތުރުން ޢުމްރާ ދަތުރު ދެނީ އެ ކުންފުންޏަށް ފަސް އަހަރު ޚިދުމަތް ކޮށްދިން މުވައްޒަފުންގެ ތެރެއިން އެކަމަށް އެދި ކުރިމަތިލާ މުވައްޒަފުންނަށް ކަމުގައި ސްޓެލްކޯއިން ބުނެއެވެ.