އަންހެނަކު ފެންވަރާތަން ވީޑިއޯ ކުރަން އުޅުނު މީހަކަށް 28,000 ރުފިޔާގެ ޖޫރިމަނާއެއް

ހއ. ފިއްލަދޫ: އެ ރަށުގައި އަންހެނަކު ފެންވަރާތަން ވީޑިއޯ ކުރަން އުޅުނު މީހަކު ވަނީ ޖޫރިމަނާ ކޮށްފަ ---

ހއ. ފިއްލަދޫގައި އަންހެނަކު ފެންވަރަން ހުއްޓާ ވީޑިއޯ ކުރަން އުޅުނު ފިރިހެނަކު 28,800 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެ ރަށު ކޯޓުން ހުކުމް ކޮށްފިއެވެ.

މިކަމެއް ހިނގީ 2021 ވަނަ އަހަރުގެ މާޗް ހަތް ވަނަ ދުވަހުގެ ރޭ 11:15 ހާއިރުއެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކުރީ ފިއްލަދޫ ވޮޝިންޓަންހައުސް, އަލީ ވަހީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއެވެ.

ދައުވާއަށް އިންކާރުކުރަމުން އަލީ ވަހީދު ބުނެފައި ވަނީ, ރަށްރަށުގައި ގޯތިތެރެއަށް ވަންނަން ހުއްދަ ނަގަން ނުޖެހޭ ކަމަށާއި އޭނާ އަމަލުކޮށްފައި ވާނީ އާންމު އުސޫލުން ކަމަށެވެ.

މި ދައުވާ ސާބިތުކުރަން ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅިއެވެ. އޭގެ ތެރޭގައި ފާހަނާގައި ހުރި އަންހެން މީހާ ވެސް ހިމެނެއެވެ.

ހެކިބަސް ދެމުން އެ އަންހެން މީހާ ބުނީ, ފެންވަރަން ހުއްޓައި ފާހަނާގެ ފެންލައިޓުން މީހަކު ފޯނުން ވީޑިއޯކުރަނިކޮށް ފެނުނު ކަމަށާއި ހަޅޭއްލަވައިގަނެފައި ބޭރަށް ނިކުމެ ގޭ މީހުން ގާތު އެ ވާހަކަ ބުނި ކަމަށެވެ. އެ ސަރަހައްދުން މީހަކު ފެނޭތޯ ބަލަމުން ދަނިކޮށް އެ ތަނަށް އަލީ ވަހީދު އައުމުން އޭނާ އަތުގައި އޮތް ފޯނު ބެލިއިރު އެއީ ފާހަނާގެ ފެންލައިޓުން ފެނުނު ފޯނު ކަމަށް އެ އަންހެން މީހާ ބުނެފައިވެއެވެ.

ފޯނު ހުޅުވާ ބެލިއިރު ކެމެރާއަށް ވަދެފައި ހުރި ނަމަވެސް ފޯނުގައި އެއްވެސް ވީޑިއޯއެއް ނެތް ކަމަށް އޭނާ ބުންޏެވެ. އެ އަންހެން މީހާ ބުނީ އޭނާއަށް ބެލެވޭ ގޮތުގައި އަލީ ވަހީދު ވަނީ އޭނާ ކުރި ވީޑިއޯ ވަގުތުން ޑިލީޓް ކޮށްލާފައި ކަމަށެވެ.

އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ދިން އެހެން މީހަކު ބުނީ ފާހަނާގެ ފެންލައިޓާ ދިމާލުން ބިންމަތީގައި ބޫޓެއްގެ ފިވަޅު ހުރި ކަމަށާއި އެ ފިޔަވަޅާއި އަލީ ވަހީދު އެ ވަގުތު އަރައިގެން ހުރި ބޫޓުގެ ފިޔަވަޅާ ދިމާވާ ކަމަށެވެ.

ދިފާއުން ހުށަހެޅީ އެންމެ ހެއްކެކެވެ. އޭނާ ހެކިބަސް ދީފައިވަނީ އަލީ ވަހީދުގެ ބަހަށް ބާރު ލިބޭ ގޮތަށެވެ. އެގޮތުން އެ ރަށުގައި ގޭގެއަށް ވަންނައިރު ވަކި ހުއްދައެއް ނަގަން ނުޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އަލީ ވަހީދު އަރާ ވައްތަރުގެ ބޫޓަށް އެރަށުގެ އެހެން ބައެއް މީހުން ވެސް އަރާ ކަމަށާއި އެހެންކަމުން ފެންލައިޓުގެ ތިރީގައި ހުރީ އަލީ ވަހީދުގެ ފިޔަވަޅުކަމަށް ނުބުނެވޭނެ ކަމަށް ވެސް އޭނާ ކޯޓުގައި ބުންޏެވެ.

ދެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށް ފިއްލަދޫ ކޯޓުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ނިންމީ އަލީ ވަހީދުގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށެވެ. މައްސަލަ ސާބިތުވުމުން އަލީ ވަހީދު ވަނީ ވީހާ ވެސް ކުޑަ އަދަބެއް ކަނޑައަޅައިދޭން އެދިފައެވެ. އެގޮތުން ޖަލު އަދަބެއްގެ ބަދަލުގައި ޖޫރިމަނާ ކުރުމަށް ވެސް އެދުނެވެ.

އަދަބާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ އެ ކުށުގެ އުގޫބާތެއްގެ ގޮތުން ހަތަރު މަހާއި 21 ދުވަހަށް ޖަލަށް ލެވިދާނެ ކަމަށެވެ. އަދި ޖަލު އަދަބު ގޭ ބަންދަށް ބަދަލުކުރާ ނަމަ ބަންދުގައި ނުވަ މަހާއި 18 ދުވަސް ހޭދަކުރަން ޖެހޭނެ ކަމަށާއި ޖޫރިމަނާއަށް ބަދަލުކުރާނަމް 28,800 ރުފިޔާ ދައްކަންޖެހޭނެ ކަން ވަކީލު ފާހަގަކުރެއްވިއެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކުރުމަށް ފަހު ގާޒީ ނިންމެވީ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލު ކުރުމަށެވެ. އެގޮތުން ކޮންމެ މަހުގެ 4800/- ދައުލަތަށް ދައްކައި ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ކުރުމަށް ވެސް ވަނީ އަމުރު ކޮށްފައެވެ.

comment ކޮމެންޓް