މަނަދޫ މަގުތަކުގައި ތާރު އަޅަން 75 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އާރުޑީސީއަށް

މަނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ނ. މަނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް 75 މިލިއަން ރުފިޔާއަށް، ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝާހިދެވެ.

މި މަޝްރޫޢުގެ ދަށުން 2.4 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގު ބައްތި ޖަހާނެއެވެ.

މަނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މަނަދޫ މަގުތަކުގެ މިހާރުގެ ހާލަތާ ގުޅިގެން އެ ރަށު ކައުންސިލަރު އަހުމަދު ރިމްޒާދު މިއަދު "ސަން" އަށް ވިދާޅުވީ އެ ރަށުގެ މަގުތައް އޮތް ގޮތުން ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން މިހާރު މަގުތަކުގައި ހުންނަނީ އަޑިގުޑަންތައް ކަމަށާއި ކުޑަކޮށް ވިއްސާރަވިޔަސް މަގުތަކުގައި ފެންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމުގެ ދަތިތައް ވަރަށް ބޮޑަށް ކުރިމަތިވޭ. ކުދި ބޮޑު އެންމެންނަށް ވެސް. ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ވާރޭ ވެހިފަ ކިތަންމެ ދުވަހެއް ވިޔަސް މަގުތަކުން ފެން ނުހިނދޭތީ،" އޭނާ ވިދާޅުވިއެވެ.

މަނަދޫ މަގުތަކުގައި ތާރުއަޅާ ހިސާބުން ފެށިގެން އެ ކަންކަމަށް ހައްލު ލިބޭނެ ކަމަށް އެ ރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ.

comment ކޮމެންޓް