ލ. ގަމުގެ ތުނޑި އަވަށުގެ ބަނދަރު ސަރަހައްދުގައި އޮތް މޯލްޑިވްސް ޕޮލިސް ސާވިސްގެ ލޯންޗެއްގައި ރޯކޮށްލީ އޭނާ ކަމަށް އެ ރަށު ކަޅައިދޫފިނިހިޔާގެ, މޫސާ އިނާސް ބުނި ކަމަށް އެ މައްސަލަ ތަހުގީގު ކުރެއްވި އޮފިސަރު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ލޯންޗުގައި ރޯކޮށްލީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެ މައްސަލައާ ގުޅިގެން މޫސާ އިނާސްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް އަމަލެއް ކުރިކަމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި އެ މައްސަލަ ތަހުގީގު ކުރި ފުލުސް އޮފިސަރު އިސްމާއީލް ވިރުދާންގެ ހެކިބަސް ވަނީ ނަގާފައެވެ.
ހެކިބަސް ދެމުން އޭނާ ބުނީ, މައްސަލައިގެ ތަހުގީގު ފެށިއިރު ތަހުގީގު ޓީމުގައި އޭނާ ނުހިމެނުނު ނަމަވެސް ޖެހިގެން އައި މެއި މަހުން ފެށިގެން އެ މައްސަލަ ތަހުގީގުކުރުމުގައި އިންވެސްޓިގޭޓިވް އޮފިސަރެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވެފައިވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރުކުރީ ލޯންޗްގައި ރޯކޮށްލުމުގެ މައުލޫމާތު އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން ދިވެހި ފުލުހުންނާ ހިއްސާ ކުރިކަން ސާބިތުކޮށްދީ އޭގައި ހުރި މައުލޫމާތުތަކާ ގުޅިގެން ސުވާލު ކުރުމަށެވެ.
އެގޮތުން އެފްބީއައި އިން ވަނީ އެ ހާދިސާގެ ޒިންމާ ނަގާ ކަމަށް ބުނާ ޓެލެގްރާމް އެކައުންޓެއްގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައެވެ. އެ އެކައުންޓުގެ ޗެޓްލޮގްތައް ފުލުހުންނަށް ލިބިފައިވަނީ އިންޓެލިޖެންސް އެހެން އިދާރާއަކުންނެވެ.
ޕޮލިސް ލޯންޗްގައި ރޯކޮށްލި ކަމަށް ބުނި އައިޑީ ކްރިއޭޓް ކޮށްފައިވަނީ މޫސާ އިނާސްގެ ނަމުގައި ނަގާފައިވާ ނަންބަރަކުން ކަމަށް ވެސް ވިރުދާން ވިދާޅުވިއެވެ. އަދި އެ އެކައުންޓުން މޫސާ އިނާސްގެ ފޮޓޯ އާއި އޭނާގެ އަނބިދަރިންގެ ފޮޓޯ ވެސް ހިއްސާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން މޫސާ އިނާސް ހައްޔަރުކުރި އިރު އޭނާ އަތުގައި އޮތް ފޯނުގައި އެ ސިމް އޮތް ކަމަށް ވެސް ވިރުދާން ވިދާޅުވިއެވެ. ނަމަވެސް ފޯނުގެ ކޯޑު ނުދިނުމުން އޭގައި ހުރި މައުލޫމާތު ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މޫސާ އިނާސް އެހެން މީހެއް ކައިރީގައި ކިޔައިފަވަނީ ލ. އަތޮޅު ލޯންޗްގައި ރޯކޮށްލީ ތިމަންނައޭ. ތިމަންނަމެން ހިންގި މިޝަންއެކޭ އެއީ. އަދި އޭގެ އިތުރު މިޝަންއެއް އެބައޮތޭ. އެކަމު ތިމަންނަ އެ މިޝަންގައެއް ބައިވެރިއެއް ނުވަމޭ," އެ މައްސަލަ ތަހުގީގު ކުރި އޮފިސަރު ވިދާޅުވިއެވެ.
ޗެޓްލޮގް ބަލާލުމުން އެ ވާހަކަތައް ދައްކާފައިހުރީ މޫސާ އިނާސްކަން އެނގޭ ކަމަށް ވެސް ވިރުދާން ވިދާޅުވިއެވެ.
ބޭރުގެ އިންޓިލިޖެންސް އިދާރާތަކާއި އެފްބީއައިއިން ފުލުހުންނާ ހިއްސާކުރި މައުލޫމާތުތަކުގައި އެ އަމަލު މޫސާ އިނާސް ހިންގި ގޮތް ބުނެފައި ނުވާކަން ފާހަގަކޮށް ވިރުދާން ވިދާޅުވީ, ފުލުހުންގެ ތަހުގީގުން ލޯންޗް ރޯކޮށްލިގޮތް ހޯދާފައިވާނެ ކަމަށެވެ.
"އެއީ ޕެޓްރޯލް އަޅާފައި ރޯކޮށްލާފައި އޮތީ. އަދި ލޯންޗް އައްސާފައި އޮތް ވާގަނޑު ކަނޑާލާފައި ދުރަށް ގެންގޮސްސަ ހޯލްސްޓަން ފުޅިއެއްގައި ޕެޓްރޯލް އަޅާފައި ރޯކޮށްލާފައި އޮތީ," ވިރުދާން ވިދާޅުވިއެވެ.
މޫސާ އިނާސް އަކީ ސަލްޓަން ޕާކް ބޮމުގެ މައްސަލައާ ގުޅިގެން 15 އަހަރަށް ޖަލަށްލި މީހެކެވެ. ދެހާސް ނުވަ ވަނަ އަހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ތިން ފަހަރެއްގެ މަތިން އޭނާ ވަނީ ފިލައިގެން ފަތާފައި ހުޅުމާލެއަށް އަރަން މަސައްކަތްކޮށްފައެވެ. ނަމަވެސް، އޭނާ ހައްޔަރު ކުރީއެވެ.
އިނާސް ވަނީ ސަލްޓަން ޕާކް މައްސަލައިގެ ޝަރީއަތުގައި ކުށަށް އިއުތިރާފުވެފައެވެ. ފަހުން މައާފު ދިނުމަށް ފަހު އޭނާ ޖަލުން ދޫކޮށްލީއެވެ.