ރިޒާގެ ހަނދާނުގައި ބާއްވާ ޤުރުއާން މުބާރާތަކުން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު

ގުރައިދޫ ދާއިރާގެ މެމްބަރު މަރްޙޫމް އިބްރާޙިމް ރިޒާ --

ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މަރްޙޫމް އިބްރާޙިމް ރިޒާގެ ހަނދާން އާ ކުރުމުގެ ގޮތުން ކ. ގުރައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން މި އަހަރުގެ ރަމަޟާން މަހު ޤުރުއާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

"ރިޒާގެ ހަނދާނީ ޤުރުއާން މުބާރާތް 1444" ގެ ނަމުގައި ރަމަޟާން މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ފަށަން ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑިއަކީ މި މަހުގެ 13 ވާ ހޯމަ ދުވަހުގެ މެންދުރު 12:00އެވެ.

ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ އެ މުބާރާތުގެ މައުލޫމާތު "ސަން"އަށް ދެއްވަމުން ގުރައިދޫ ކައުންސިލް މެމްބަރު އިބްރާހީމް ޝަލީޒް ވިދާޅުވީ މުބާރާތް ހުޅުވާލާފައި ވަނީ ގުރައިދޫ ރައްޔިންނަށް ކަމަށެވެ. އަދި އެހެން ރަށެއްގައި ދިރިއުޅުނަސް އެރަށުގައި ރެޖިސްޓްރީގައި ވެފައި ތިބި މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ޝަލީޒް ވިދާޅުވިއެވެ.

"މި މުބާރާތަކީ ރިޒާ ދުނިޔޭގައި ހުންނެވި އިރު މިއަހަރުގެ ރޯދަ މަހު ތެރޭގައި ބާއްވަން އެމަނިކުފާނު އިސްނެންގެވި މުބާރާތެއް. އެހެން ވެގެން ރިޒާ އަވަހާރަވީމަ ކައުންސިލުން ނިންމީ އެމަނިކުފާނުގެ ޒިކުރާ އާ ކުރުމުގެ ގޮތުން މި ނަމުގައި މުބާރާތް ބާއްވަން،" ޝަލީޒް ވިދާޅުވިއެވެ.

މުޅި ރޯދަމަހަށް ބަހާލައިގެން ކައުންސިލްގެ ޓްރެއިން ރޫމްގައި ކުރިޔަށް ގެންދާ މި މުބާރާތުގައި ހުރިހާ އުމުރުފުރާ ތަކުން ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި ޓްރޮފީ އަދި ސެޓްފިކެޓް ދޭނެއެވެ.

މުބާރާތުގެ އެއްވަނައަށް ދާ ބައިވެރިޔަކަށް އަމިއްލަ ފަރާތަކުން ސްޕޮންސާ ކޮށްގެން ދޭ ޢުމްރާ ދަތުރެއް ލިބޭނެއެވެ.

"މުބާރާތުގައި ހުރިހާ އުމުރުފުރާ ތަކުން ވެސް ވަނަ ހޮވާފަ އިނާމު ދޭނެ. ސްޕޮންސާ ވެސް ލިބިފައިވަނީ. އިނާމުތަކުގެ ތެރޭގައި ފައިސާގެ އިނާމާއި ޓްރޮފީ އަދި ސެޓްފިކެޓް ދޭނެ. އެއްވަނައަށް މި ދެވެނީ ޢުމްރާ ދަތުރެއް،" ޝަލީޒް ވިދާޅުވިއެވެ.

ޝަލީޒް ވިދާޅުވީ އެ މުބާރާތުގައި ފަނޑިޔާރުކަން ކުރާނީ ކައުންސިލުން ކަމަށެވެ. އަދި ވިދާޅުވީ މުބާރާތް ކުރިޔަށް ގެންދާނެ ގޮތާއި ދެން ހުރި ކަންކަން ތަރުތީބުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މެމްބަރު ރިޒާ ވަކިވެގެން ދިޔުމުގެ ހިތާމައާއި މޮޅިވެރިކަމުން ގުރައިދޫ ރައްޔިތުންނަށް ވެސް އަދިވެސް އަރައި ނުގަނެވޭ ކަމަށެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މަޖިލިސް ތަމްސީލުކުރައްވަމުންް ގެންދެވި ރިޒާއަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރެވެ. ނިޔާވި އިރު ރިޒާ ގެންދެވީ މަޖިލީހުގެ ޖުޑިޝަރީއާއި، މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވަމުންނެވެ.

މެލޭޝިޔާގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރިޒާ އަވަހާރަވީ މިދިޔަ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭގައެވެ.

ރިޒާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން 14 އަހަރު ކުރައްވާފައިވާ އިރު އެ ތިން ދައުރުގައި ވެސް ތަމްސީލު ކުރެއްވީ ގުރައިދޫ ދާއިރާއެވެ. ނިޔާވިއިރު މަޖިލީހުގެ ދައުރު ނިމެން ބާކީ އޮތީ އަހަރެއްހާ ދުވަހެވެ.

comment ކޮމެންޓް