ޕެނަލްޓީ ޖަހައިގެން ކ. ގާފަރު ބަލިކުރުމަށްފަހު އެންމެ ފަހުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ތިމަރަފުށި ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާތުގެ ގަދަ 16 ގައި ބައްދަލުކުރީ ތިމަރަފުއްޓާއި ގާފަރެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު އެ މެޗުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
ނަމަވެސް އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ، އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން ތިމަރަފުށި ވަނީ ކާމިޔާބުހޯދައިފައެވެ.
އެ މެޗުގައި ތިމަރަފުށިން ވަނީ ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އަދި ގާފަރަށް މެޗުގައި ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ ޖަހައިފައެވެ.
އެ މުބާރާތުގެ ގަދަ 16 އަށް ތިމަރަފުށި ދަތުރުކުރީ އަތޮޅު ބުރުގެ ރަނަރަޕް ޓީމުގެ ގޮތުގައެވެ. އަދި އެ ޓީމަކީ ޒޯނު ފަހެއްގެ ރަނަރަޕް ޓީމެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.