ފަހު ވަގުތު ވިލިމާލޭގެ މައްޗަށް ކުރި ހޯދައި ނާވައިދޫ ކުއާޓާއަށް

ނާވައިދޫއާއި ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ފަހުވަގުތު ވިލިމާލެ ބަލިކުރުމަށްފަހު ނާވައިދޫން ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު ގަދަ 16 ގެ އެ މެޗުގައި ނާވައިދޫން ވިލިމާލޭގެ މައްޗަށް ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ނާވައިދޫގެ ގޯލުތައް ޖެހީ ހުސައިން މައިޝާންއާއި، މުހައްމަދު އަސްލަމްއެވެ. އެ މެޗުގައި އަސްލަމް ވަނީ ދެ ގޯލުޖަހައިފައެވެ. އަދި މެޗުގައި ވިލިމާލޭގެ ދެ ގޯލު ޖެހީ އިސްމާއިލް ވިފާގްގެ އިތުުރުން އަލީ ސިޔާހުއެވެ.

އެ މުބާރާތުގެ ގަދަ 16 އަށް ނާވައިދޫ ދަތުރުކުރީ އަތޮޅު ބުރުގައި ހދ. އަތޮޅުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އަދި ނާވައިދޫން ވަނީ ޒޯނު އެކެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޒޯން އެކެއްގައި ހިމެނެނީ ހއ. ހދ. އަދި ށ. އަަތޮޅުގެ ޓީމުތަކެވެ.

އެ ޒޯންގެ ގްރޫޕް އެކެއްގައި ހިމެނެނީ އުތީމާއި ނާވައިދޫގެ އިތުރުން ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ ފޯކައިދޫއާއި ކަނޑިތީމުގެ އިތުރުން ފިއްލަދޫއެވެ.

ގްރޫޕް އެކަކުން ސެމީ ފައިނަލަށް ދަތުރުކުރީ ނާވައިދޫއާއި ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭކުން ސެމީއަށް ދަތުރުކުރީ ކަނޑިތީމާއި ފޯކައިދޫއެވެ. ސެމީގެ މެޗުތަކުން މޮޅުވެ ޒޯނު ފައިނަލްގައި ވާދަކުރީ ކަނޑިތީމާއި ނާވައިދޫއެވެ. އެ މެޗު ނާވައިދޫން ވަނީ ކާމިޔާބުކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް