ވިލިމާލޭގެ ނިކަގަސް ކެނޑުން ހުއްޓުވަން އެރީ ގަހަށް، ނަމަވެސް ފުލުހުން ގޮސް ހުއްޓުވައިފި

ވިލިމާލޭގެ ނިކަގަސް ކެނޑުން ހުއްޓުވަން ނިޔާޒް ގަހަށް އަރައި: ފުލުހުން ވަނީ އޭނާ ގަހުން ބާލުވައިފައި -- ފޮޓޯ/ މޯލްޑިވްސް އިންޑިޕެންޑެންޓް، ޙަސަން މޫސާ

ވިލިމާލޭ ވޯޓާ ސްޕޯޓްސް ސަރަހައްދުގައި ހުންނަ ނިކަގަހެއް ކެނޑުމުގެ މަސައްކަތް ފެށުމުން، ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާ އެކްޓިވިސްޓަކު އެ ގަހަށް އަރައި، ގަސް ކެނޑުން ހުއްޓުވަން މަސައްކަތްކޮށްފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ގަސް ކަނޑާލުމުގެ މަސައްކަތްތައް އިއްޔެ ފަށައިފައިވާއިރު، ގަސް ކެނޑުން ހުއްޓުވުމަށް، ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އަހުމަދު ނިޔާޒް އަރައިފައިވަނީ ހެނދުނުގެ ވަގުތެއްގައެވެ. އޭރު ވެސް އެ ބިޔަ ގަހުގެ ބައެއް ގޮފިތައް ކަނޑައިފައިވާއިރު، ނިޔާޒު ގަހުގެ ގޮތްޕެއްގައި އޮށޯވެލައިގެން އޮތް މަންޒަރު ފޮޓޯތަކުން ފެނެއެވެ.

އެެހެންނަމަވެސް އޭނާ ގަހަށް އަރައި އޮއްވައި، މާ ގިނައިރެއް ނުވެ ފުލުހުން ވަނީ އޭނާއާ ވާހަކަދައްކައިފައެވެ. އެގޮތުން ޓެލެހޭންޑްލާއެއްގައި ފުލުހަކު ހަރަކާތްތެރިވާ މަންޒަރާއި، ނިޔާޒު ގޮވައިގެންދާ މަންޒަރު ވެސް ފޮޓޯތަކުން ފެނެއެވެ.

ވިލިމާލޭގެ ނިކަގަސް ކެނޑުން ހުއްޓުވަން ނިޔާޒް ގަހަށް އަރައި: ފުލުހުން ވަނީ އޭނާ ގަހުން ބާލުވައިފައި -- ފޮޓޯ/ މޯލްޑިވްސް އިންޑިޕެންޑެންޓް، ޙަސަން މޫސާ

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ނިޔާޒު ހައްޔަރުނުކުރާ ކަމަށް ބުނެފައެވެ. ނަމަވެސް ނިކަގަހުގެ ގޮފިތައް ކަނޑަމުން އަންނަނީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެގޮތުން އާންމު ރައްޔިތުންނަށް އުނދަގޫވާ ހާލަތްތަކުގައި، ފުލުހުން ވެސް އެކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ތިމާވެށީގެ ހައްގުގައި ކުރާ މަސައްކަތްތަކުގެ އިތުރުން ނިޔާޒަކީ މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ އެއް ބާނީއެވެ. އަދި ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް ހިތްވަރުދީ، ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ މަސައްކަތްތަކަށް 'ބިންހެޔޮ'ގެ ނަމުގައި ހަރަކާތެއް ފަށައިފައި ވެސްވެއެވެ.

އެ ގަހުގެ ގޮފިތައް ކަނޑާ ސަބަބާ ގުޅޭ ގޮތުން މިހާތަނަށް މާލޭ ސިޓީ ކައުންސިލްގެ ބަހެއް ލިބިފައިނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވިލިމާލެ އާއި މައްޗަންގޯޅީގައި ހުރި ނިކަގަސްތަކެއް ކަނޑަން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިއުލާންކުރައްވައިފައެވެ. އެއާއެކު، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް