އަނިޔާ ހުއްޓުވުމަށް، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން މުހިންމު: ސިޔާމް

އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަކީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާގުޅިގެން ނެރުއްވި ޚިތާބުގައި ސިޔާމް ވަނީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ، ދިވެހިރާއްޖޭގެ އެންމެހައި އަންހެނުންނަށާއި އަންހެން ކުދިންނަށް ފޮނުއްވާފައެވެ.

ސިޔާމް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރާއިރު މި ގައުމަށް ކަނބަލުން ކޮށްދެމުންދާ އަގުނުކުރެވޭ ޚިދުމަތްތައް ފާހަގަކުރުމުގައި ހުރިހާ ރައްޔިތުން ޝާމިލުވުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގައުމެއްގެ ހައިސިއްޔަތުން ކާމިޔާބީތައް ހާސިލުކުރެވިފައިވާއިރު އަދިވެސް މިކަމުގައި އިތުރު މަސައްކަތް ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ. އެގޮތުން، ޖިންސީ ތަފާތު ކުރުންތައް ނައްތާލުމަށާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މިހާރަށް ވުރެ އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަކީ މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. ސިޔާސީ މައިދާނަކީ އަންހެނުންނަށް ވަންނަން އެންމެ އުނދަގޫ ދާއިރާތަކުގެތެރެއިން އެއް ދާއިރާ ކަން ސިޔާމް ފާހަގަކުރެއްވިއެވެ.

ކަންމިހެން އޮތްއިރު، ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި ގާނޫނު ހެދުމުގެ ނިޒާމާއި އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމުގެތެރޭގައި އަންހެނުންނަށް ފުރިހަމައަށް ބައިވެރިވެވޭނެ ގޮތް ހެދުމަކީ މުހިންމު ކަމެއް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ މާހައުލަކީ އެންމެހާ ރައްޔިތުންނަށް، ވަކިން ޚާއްސަކޮށް އަންނަން އޮތް ޖީލުތަކަށް އަމާންކަމާއެކު ދިރިއުޅެވޭނެ ރައްކާތެރި މާހައުލަކަށް ވުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް