ޑިޖިޓަލް މުސްތަގުބަލަަކަށް، އެދާއިރާއިން އަންހެނުން ބާރުވެރިކުރުން މުހިންމު: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު--- ފޮޓޯ/ ރައީސް އޮފީސް

ޑިޖިޓަލް މުސްތަގްބަލަކަށް އަމާޒުހިފާފައިވާއިރު، އެ ދާއިރާއިން އަންހެނުން ބާރުވެރިކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ރައީސް ވިދާޅުވީ މިފަދަ ދުވަސްތަކުގައި، މުޖުތަމައު ބިނާކުރުމުގައާއި މުޖްތަމައު ކުރިއެރުވުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރުގެ މަތިން ހަނދާން އާވާ ކަމަށެވެ.

އޭގެއިތުރުން، މިއަދު ޑިޖިޓަލް މުސްތަގްބަލަކަށް އަމާޒުހިފާފައިވާއިރު އެ ދާއިރާގައި މިންތީގެ ހަމަހަމަ ކަމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެ ދާއިރާއިން ވެސް އަންހެނުން ބާރުވެރި ކުރުވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވިއިރު، ސަރުކާރުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު މިހާރަށްވުރެ ވެސް އިތުރު ކުރުމަކީ އަމާޒެއް ކަމަށް ވެސް މީގެ ކުރިން އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ސިޔާސީ, އިގްތިސާދީ އަދި އިޖުތިމާއީ މައިދާނުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ހުރިހާ ދާއިރާއެއްގައި މިންތީގެ ހަމަހަމަކަން ގާއިމްކޮށް ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ޖެންޑަ އީކުއަލިޓީ އެކްޝަން ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން މިސަރުކާރުން ވަނީ މިހާރު ފާސްކޮށްފައެވެ.

comment ކޮމެންޓް