މޭ ހައެއް ހަމަލާގެ ޝަރީއަތް ލަސްވާ ސަބަބެއް އިދާރާތަކަށް ބުނެނުދެވޭ: އައްބާސް

ރައީސް ނަޝީ×ދަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމަލާ އާ ގުޅިގެން ކުރިޔަށްދާ ތަޙުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސް އައްޔަން ކުރެއްވެވި ހާއްސަ މަންދޫބު، މިސްޓަރ އައްބާސް ފާއިޒް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ލަސްވާ އެކަށީގެންވާ ސަބަބެއް ޝަރުއީ އިދާރާތަކަށް ބުނެ ނުދެވޭ ކަމަށް އެ މައްސަލަ ކުރިއަށްދާގޮތް މޮނީޓާ ކުރަން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ޝަރީއަތްތައް ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް އައްބާސް މިއަދު ކުރި ޓްވީޓެއްގައި ވަނީ، ކްރިމިނަލް ކޯޓުގެ ރެޖިސްޓަރާ ހަސަން ރަޝީދާ އޭނާ މިދިޔަ ހަފުތާގައި ބައްދަލުކޮށް، ހަމަލާގެ ޝަރީއަތުގެ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދުރާލާ ރާވައިގެން ބޮމުގެ ހަމަލާއެއް ދިނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެއެވެ. ސައިކަލެއްގައި ބޮން ހަރުކޮށްގެން ދިން ހަމަލާގައި އެ މަނިކުފާނަށް ބޮޑެތު ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ.

އޭޑީކޭގައި ކުއްލި ފަރުވާ ދިނުމަށް ރައީސް ނަޝީދު ވަނީ ޖަރުމަނަށް ވަޑައިގެން އެ ގައުމުން ވެސް ފަރުވާ ހޯއްދަވާފައެވެ.

ބޮމުގެ ހަމަލާގެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދަށް އެކަންޏެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމް ހިމެނޭގޮތަށް ޖުމްލަ ނުވަ މީހަކަށް އެ މައްސަލާގައި ދައުވާކޮށްފައިވެއެވެ. އެއީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ އަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

ހަމަލާދިނުމުގައި އިސްދައުރެއް އަދާކުރި އިސްހާގަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއެވެ.

ފަހުމީއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ނާޒިމަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ. މުޖާޒް، ތަހުމީން، ހައިޝަމް އަދި އަދުހަމްގެ މައްޗަށް 13 ދައުވާއެއް އުފުލާފައިވެއެވެ.

comment ކޮމެންޓް