އިސްރާއީލުގެ އެލް އަލް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން އުޅޭކަން އިއުލާންކޮށްފި

އެލް އަލް އެއާލައިން --- ފޮޓޯ/ އިއުރެކްޓިކް

އިސްރާއީލުގެ މަޝްހޫރު އެއާލައިން، އެލް އަލް އިން ރާއްޖެއަށް ދަތުރުތައް ފަށަން އުޅޭކަން އިއުލާންކޮށްފިއެވެ.

އެލް އަލް އެއާލައިނުގެ ބިޒްނަސް ޕްލޭނާ ބެހޭ ވާހަކަތައް ރޮއިޓާސްއާ ހިއްސާކުރަމުން ބުނީ އެ އެއާލައިނާއިން މި އަހަރު އަލަށް ދަތުރުތައް ފަށާ ގައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ނަމަވެސް އެ ދަތުރުތައް ރާއްޖެއަށް ފަށާނެ ތާރީޚެއް އަދި އެ އެއާލައިނުން އިއުލާނެއް ނުކުރެއެވެ.

މިކަމާ ގުޅިގެން "ސަން" އިން އެމްއޭސީއެލްއާ ސުވާލުކުރުމުން އެމްއޭސީއެލްގެ ކޮމިއުނިކޭޝަންސް މެނޭޖާ ޝަމްއާން ޝާކިރު ވިދާޅުވީ އެފަދަ މައުލޫމާތެއް އެމްއޭސީއެލްއަށް ލިބިފައި ނުވާ ކަމަށެވެ.

އިސްރާއީލުގެ އެލް އަލް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާ ވާހަކަ އިއުލާން ކޮށްފައިވާއިރު، 2021 ވަނަ އަހަރުގެ ތެރޭގައި ވެސް އިސްރާއީލުގެ ނޫހެއްގައި ރާއްޖެއަށް އިސްރާއީލުގެ އެއާލައިނާއަކުން ދަތުރުތައް ފަށާ ކަމުގެ ޚަބަރުތައް ރިޕޯޓް ކުރިއެވެ.

އެކަމާ ގުޅިގެން ދިވެހި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އައި ނަމަވެސް، ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުން އޭރު ބުނީ ރާއްޖެއާއި އިސްރާއީލާ ދެމެދު ދަތުރުފަތުރު ކުރާ ވާހަކަ އެއްވެސް ގޮތެއްގައި ނުދެކެވޭ ކަމަށެވެ.

ރާއްޖެއާއި އިސްރާއީލާ ދެމެދު ސީދާ ދަތުރުތައް ނެތް ނަމަވެސް، ޓްރާންސިޓް ފްލައިޓް ތަކުން ރާއްޖެއަށް އިސްރާއީލުގެ ފަތުރުވެރިން އާދެއެވެ. އަދި އެގައުމުގެ މީހުންނަށް ރާއްޖެއަށް އައިސް އުޅުން މަނަލެއްވެސް ނޫނެވެ.

comment ކޮމެންޓް