މަޖިލީހަށް ބިލް ބަލައިގަންނައިރު މާނަވީ ބިލް ބަލައިގަތުމަށް ނަޝީދު އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތައް ބަލައިގަތުމުގެ ކުރިން އެއީ މާނަވީ ބަދަލެއް އަންނާނެ މުހިންމު ބިލެއްތޯ ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވަނީ އެއީ އެއްވެސް މާނައެއް ނެތް ބިލެއް ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

ސަރުކާރުގެ ފަރާތުން އެބިލް ހުށަހެޅުމުގެ ބޭނުމަކީ އިންތިޚާބުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ހުށަހެޅުން ގަބޫލްކުރިކަން ނުވަތަ ނުކުރާކަން އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް އެންގުމަށް އިންތިޚާބުތަކާ ބެހޭ ގާނޫނުގެ ދަށުން މިހާރު ކަނޑައަޅާފައިވާ 48 ގަޑިއިރު ނުވަތަ ދެ ދުވަސް ފަސް ދުވަހުގެ މުއްދަތަކަށް އިތުރު ކުރުމެވެ.

މި ބިލަށް ބަހުސް ކުރައްވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ސަރުކާރުން ބިލު ހުށަހަޅަނީ ދިރާސާ ކުރުމެއް ނެތި ކަމަށާއި، ކުއްލިއަކަށް ގާނޫނެއް ހެދުމަށް ފަހު އެ ތަސްދީގުކުރައްވައި އަމަލު ކުރައްވަންވެސް އަންގަވާފާނެ ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މި ބިލް ހުށަހެޅުމުގެ ކުރިން ކުރުން އެންމެ މުހިންމު ސުވާލަކީ މީގެކުރިން ރާއްޖޭގައި އެތައް އިންތިޚާބުތަކެއް ބާއްވާފައި ވާއިރު، ގާނޫނުގައި މިހާރު ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކެންޑިޑޭޓުންގެ ކެންޑިޑަސީއާމެދު ގޮތެއް ނުނިންމި ވޭތޯ ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އަޅުގަނޑު ހިތުން މިހާތަނަށް ބޭއްވި ހުރިހާ އިންތިޚާބުތަކެއްގައި އެޖަވާބު އެގޮތަށް ދެވިފަ ވޭ. އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުމެން އަނެއްކާ ފަހަތަށް ތޯ ދާން މި ޖެހެނީ. އިއްޔެގައި ވެސް ބިލަކަށް ވާހަކަދައްކަމުން އަޅުގަނޑު މިކަން ފާހަގަކުރިން. ގާނޫނަށް ބަދަލެއް ގެނައުމަށްޓަކައި ހުށަހަޅަން ވާނީ ވަރަށް ބޮޑެތި ދިރާސާތައް ކޮށްގެން ވަރަށް މުހިންމު ބޮޑެތި ބަދަލުތައް ގެނައުމަށްޓަކައި ހަގީގަތުގައި މަޖިލީހަށް ބިލްތައް ހުށަހަޅަން ވާނީ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

އެކަމާ ގުޅޭގޮތުން ރިޔާސަތުގައި އެވަގުތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ވަގުތު ބޭކާރު ވަމުންދާ ކަމަށް ބުނެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާ ކަމަށާއި، މަޖިލީހަށް ބިލް ބަލައިގަތުމުގައި މާނަވީ ބިލް ބަލައިގަތުމަށް އެދޭ ކަމަށެވެ.

މިތަނަށް ތިޔަ ވިދާޅުވާހެން ބިލްތައް ބަލައިގަތުމުގައި އެއީ ސަބްސްޓޭންޝަލް ނުވަތަ މާނަވީ ބަދަލެއް އަންނާނެ ކަންކަންތޯ އިއްޒަތްތެރި މެމްބަރުން ބެއްލެވުމަކީ ބޭނުންތެރި ކަމެއް. ރައީސް މުހައްމަދު ނަޝީދު

ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި ބައިބައިވެފައިވާ މި ދަނޑިވަޅުގައި، ރައީސް ނަޝީދުގެ ފަރާތުން ނުސީދާގޮތެއްގައި ސަރުކާރަށް ރައްދު ދޭ މަންޒަރު ދޭތެރެއަކުން ފެނެއެވެ. މަޖިލީހުގައި ތިއްބަވާ ރައިސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންވެސް ސަރުކާރާއި ބައެއް ވަޒީރުންނާ މެދު ނުރުހުން ފާޅުކޮށް މަޖިލީހުގައި ވާހަކަ ދައްކަވައެވެ.

މިފަހަކަށް އައިސް މަޖިލީހުގައި މައިގަނޑުގޮތެއްގައި ފެންނަނީ ރައީސް ނަޝީދު ފެކްޝަނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފެކްޝަނުގެ މެމްބަރުންގެ ދެމެދު ރައްދު ކުރެވޭ ބަހުގެ ހަމަލާތަކެވެ.

comment ކޮމެންޓް