ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު ބުރުގައި މާމިގިލި ބަލިކޮށް ޒޯނު ހަތަރެއްގެ ޗެމްޕިއަންކަން ދިއްގަރުން ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު އެ ޒޯނުގެ ފައިނަލް މެޗުގައި މާމިގިއްޔާއި ވާދަކޮށް ދިއްގަރުން ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށް ވެސް ޖެހުނީ އެންމެ ގޯލެކެވެ.
މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ދިއްގަރު ޓީމުންނެވެ. އެ ގޯލު ފުރަތަމަ ހާފުގައި ޖަހައިދިނީ ނޫހު މަސްއޫދެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރި ގޯލު މާމިގިލިން ޖެހީ އޭގެ މިނިޓެއް ފަހުންނެވެ. އެ ގޯލަކީ ދިއްގަރަށް ލަނޑު ޖަހައިދިން ނޫހުގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.
މެޗު އެއްވަރު ވުމުން ޕެނަލްޓީ ޖެހިއިރު ދިއްގަރު ޓީމުން ވަނީ ޖެހި ހަ ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މާމިގިއްޔަށް ކާމިޔާބުކުރެވުނީ ހަ ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީއެވެ.
އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް މުބާރާތުގެ ޒޯން ހަތަރެއްގައި ހިމެނެނީ މ. އަތޮޅުގެ ޗެމްޕިއަން ދިއްގަރާއި އެ އަތޮޅުގެ ރަނަރަޕް ނާލާފުއްޓާއި އދ. އަތޮޅުގެ ޗެމްޕިއަން މާމިގިއްޔާއި އެ އަތޮޅުގެ ރަނަރަޕް މަހިބަދޫއެވެ.
މި މުބާރާތުގެ ޒޯނު ފައިނަލްގައި ކުޅޭ ޓީމުތަކަށް މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބޭނެއެވެ. އެހެންކަމުން އެ ޒޯނުގެ ރަނަރަޕް ޓީމުގެ ގޮތުގައި މާމިގިލި ގަދަ 16 އަށް ދަތުރުކުރިއިރު ދިއްގަރުން ވަނީ ޗެމްޕިއަން ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރުކޮށްފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.