ހުޅުލޭ ފަޅުގައި އަޅާފައިހުރި ބައެއް އުޅަނދުފަހަރު ނަގަން އަންގައިފި

ހުޅުލޭ އިރުއުތުރު ސަރަހައްދު ----

ހުޅުލޭގެ އިރު އިތުރު ފަރާތުގައި އަޅާފައި ހުރި އުޅަނދުފަހަރު އެ ސަރަހައްދުން ނެގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން އަންފައިފިއެވެ.

އެމްއޭސީއެލްއިން ނެރުނު ސާކިއުލާއެއްގައި ވަނީ ހުޅުލޭގެ އިރުއުތުރު ފަރާތުގައި ހުޅެލެއާއި ހުޅުމާލޭގެ ފަޅު ވަކި ކުރުމަށްޓަކައި ވޯޓާ ފެންސް ޖެހުމަށް ހަރުކޮށްފައިވާ އޮރެންޖު ބޮއި ސަރަހައްދުގައި ޕައިލިން މަސައްކަތް ކުރުމަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރު އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އަންގާފައެވެ.

އެގޮތުން ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަމަށްޓަކައި، އޮރެންޖު ބޮއި އިން ފެށިގެން އުތުރަށް 20 މީޓަރު ނުވަތަ 65 ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށް އަންގާފައިވެއެވެ. އަދި އެ ސަރަހައްދަށް ވަންނަ އެއްވެސް ކަނޑު އުޅަނދަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެމްއޭސީއެލްއިން ނުނަގާނެ ކަމަށް އެ ސާކިއުލާގައިވެއެވެ.

އެމްއޭސީއެލް އިން ބުނީ ހުކުރު ދުވަހުން ފެށިގެން އެ ސަރަހައްދުގައި ބަހައްޓާ ކަނޑު އުޅަނދުފަހަރު ފުލުހުން ނަގަމުންދާނެ ކަމަށެވެ.

އެކަމާ ގުޅިގެން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު މިރޭ "ސަން"އަށް ވިދާޅުވީ އެ ސަރަހައްދުގައި މަސައްކަތް ފެށޭނެ ސީދާ ދުވަހެއް ނޭނގޭ ކަމަށާއި ނަމަވެސް އަންނަ ހަފުތާގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މަސައްކަތް ފަށާތާ 10 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝައްމާން ވިދާޅުވީ އެ ސަރަހައްދުގައި އުޅަނދުފަހަރު ބެހެއްޓުމަކީ އެ އުޅަނދުފަހަރުތަކަށާއި ދަތުރުކުރާ ފްލައިޓުތަކަށް ވެސް ރައްކާތެރި ގޮތެއް ނޫން ކަމަށެވެ. އަދި ފަޅު ވަކިކޮށް އެ ސަރަހައްދުވަކި ކުރުމަށް އެމްއޭސީއެލްއިން ކުރާ އެ މަސައްކަތަކީ ރައްކާތެރިކަމަށް ބަލާފައިކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް