މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ގެންނާނެ ކަމަށް އިއުލާނު ކޮށްފައިވާ ހެޔޮ ބަދަލާ އެކު އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއް އެ ކަމަށް ކުރަން ޖެހޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
އެ ކަމުގެ ތަފުސީލު ހާމަކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މުސާރައިގެ ބަދަލާ އެކު މަތީ ތައުލީމުގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް އެވްރެޖް ގޮތެއްގައި 59 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށެވެ.
މި ބަދަލުތަކާ އެކު މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހޭނެއެވެ. މިގޮތުން،
- މަހެއްގެ މައްޗަށް 5.2 މިލިއަން ރުފިޔާ
- މި އަހަރުގެ ބާކީ އޮތް މުއްދަތުގައި 52 މިލިއަން ރުފިޔާ
- އަހަރެއްގެ މައްޗަށް 62.5 މިލިއަން ރުފިޔާ ހޭދަވާނެ

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް
މިނިސްޓަރު އަމީރު ވިދާޅުވީ އެ ހަރަދުތަކަކީ ދައުލަތުގެ ބަޖެޓުގައި ޖަހައިގެން ކުރިއަށް ގެންދާ ހަރަދުތައް ކަމަށާއި އެހެން ކަމުން މުސާރަތައް ބޮޑު ކުރުމުން އަންނަ އިތުރު ހަރަދުތަކުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ބެލެހެއްޓެމުގައި ދަތިތަކާ ކުރިމައްޗެއް ނުވާނެ ކަމަށެވެ.
މިއީ ބަޖެޓުގައި ހިމެނޭ ސިޔާސަތުތައްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މި ބަދަލާ އެކު ވެސް ދައުލަތުގެ ހަރަދުތައް ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
"ޕޭ ފްރޭމް ވޯކަށް ހިޖުރަ ކުރެވޭނެ ކަމަށް ބަލައި، އަޅުގަނޑުމެން ބަޖެޓު ކޮށްފައިވާނެ މި ކަންތައްތައް. އެހެންވީމާ ބަޖެޓު ސަސްޓެއިން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ބަޖެޓު ސަސްޓެއިން ކުރެވޭނެ ކަމުގެ ޔަގީންކަން އަރުވަމުން މިނިސްޓަރު މިއަދު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ބަޖެޓުގައި ކަނޑައަޅާފައި ހުރި ހަރަދުތައް ކުރާއިރު އެފަދަ މައްސަލައެއް ދިމައިނުވާނެ ކަމަށެވެ. އަދި، އެ ޔަގީންކަމުގެ އިތުރުން ވެސް ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މިހާރު ވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖޭގެ އިގްތިސާދު ކުރި އެރުވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަ ކުރެވޭ. އޭގެ ތެރެއިން ދައުލަތުގެ އާމްދަނީ އިތުރު ވެގެންދާނެ. މިހާރު ވެސް ތިބޭފުޅުން ބައްލަވައިލައްވާ، މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު މިހާރު ވެސް އާމްދަނީ އިތުރު ވާނެ،" އަމީރު ވިދާޅުވިއެވެ.