ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ގާޒީން އައްޔަންކުރަނީ

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ތިން ބޭފުޅަކު އަދި ސިވިލް ކޯޓުގެ ގާޒީ ކަމަށް ވެސް ތިން ބޭފުޅަކު އައްޔަންކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ދެ ކޯޓުގެ އިތުރުން ބައެއް މެޖިސްޓްރޭޓު ކޯޓުތަކަށް ވެސް މެޖިސްޓްރޭޓުން އައްޔަން ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

މިގޮތުން، ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރަން ނިންމާފައިވަނީ ސ. މަރަދޫ، އެށެވެލި، އިބްރާހީމް އިޙްސާން އާއި ގއ.ނިލަންދޫ، ބިއްލޫރިޖެހިގެ، އިބްރާހީމް ޒިހުނީ އަދި ރ. ރަސްގެތީމު، ގުލާބީގެ، އާމިނަތު އަޒްލިފާއެވެ.

އިބްރާހީމް އިޙްސާނަކީ 2018 އޮކްޓޫބަރު 29ވަނަ ދުވަހު މެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވި، މި ވަގުތު ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމުގެ މަޤާމް އަދާކުރައްވަމުންދާ ފަނޑިޔާރެކެވެ. އަދި، ގާނޫނީ ރޮނގުން ބެޗެލާ އޮފް ލޯ (އޮނާސް) ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އޭނާ ވަނީ ހާސިލު ކުރައްވާފައެވެ.

މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުމުގެ ކުރިން 2016ވަނަ އަހަރުން ފެށިގެން އިބްރާހީމް އިޙްސާން ވަނީ ލީގަލް އޮފިސަރެއްގެ ގޮތުގައި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރައްވައިފައެވެ.

އިބްރާހީމް ޒިހުނީ ވަނީ މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީން ބެޗެލާ އޮފް އާޓްސް އިން ޝަރީޢާ އެންޑް ލޯ ހާސިލްކުރައްވާފައެވެ. އޭނާއަކީ 2013 ފެބްރުއަރީއިން ފެށިގެން ލީގަލް މަސައްކަތުގައި އެމްޑަބްލިއުއެސްސީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭގެފަހުން 2014 ވަނަ އަހަރުން ފެށިގެން ޑްރަގް ކޯޓުގައި ލީގަލް އޮފިސަރެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި، 2016 ޖަނަވަރީ 20ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޒިހުނީ ހުންނެވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައެވެ.

ދެން ކްރިމިނަލް ކޯޓަށް އައްޔަން ކުރި އާމިނަތު އަޒްލިފާ ވަނީ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ (އޮނާސް) އަދި ވިލާކޮލެޖުން މާސްޓާ އޮފް ޝަރީޢާ ހާސިލްކުރައްވައިފައެވެ. އޭނާ އަކީ 2012ވަނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.

އެގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގައި މަސައްކަތްކުރެއްވިއެވެ. ދެހާސްފަނަރަ އޭޕްރީލް އިން ފެށިގެން އަޒްލިފާ އަކީ ކްރިމިނަލް ކޯޓުގައި ލީގަލް އޮފިސަރެއްގެ މަގާމް އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކޮށްފައިވަނީ ގދ. ފިޔޯރީ، ސަންޑަލްވޫޑް، ސިނާން ޢަލީ އާއި ހދ. ފިނޭ، ދެތަނޑިމާގެ، ފައިޞަލް އާދަމް އަދި ސ. ހިތަދޫ، ސައިފަތްމާގެ، ޢަބްދުﷲ އިޙްސާނެވެ.

ސިނާން ޢަލީއަކީ ވިލާ ކޮލެޖްއިން ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2015 ޖުލައި މަހުން ފެށިގެން މިއަދާ ހަމައަށް ސިނާން ޢަލީ ހުންނެވީ ސިވިލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައެވެ.

ފައިޞަލް އާދަމަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2016 އޮކްޓޫބަރުން 2020 ފެބުރުވަރީއަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ފައިޞަލް އާދަމް މަސައްކަތް ކުރައްވަމުންދަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެސިސްޓެންޓް ރަޖިސްޓްރާއެއްގެ މަގާމުގައެވެ.

ޢަބްދުﷲ އިޙްސާން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފައެވެ. އަދި އޭނާ އަކީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި 2016ވަނަ އަހަރުން ފެށިގެން ލީގަލް އޮފިސަރެއްގެ ހައިޞިއްޔަތުން މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މެޖިސްޓްރޭޓު ކޯޓުތަކަށް އައްޔަން ކުރަން ނިންމާފައިވާ ބޭފުޅުން

  • ގދ.ފަރެސްމާތޮޑާ ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް، ލ.މާމެންދޫ، ގްރޭލައިޓް، މުޙައްމަދު ފަޒީހު
  • ފ. ފީއަލީ ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް، ހދ.ނޮޅިވަރަން، ދޯދި، އަޙްމަދު ނިޔާޒް
  • ގއ. ގެމަނަފުށީ ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް، ގއ. ގެމަނަފުށި، ގެމަނަ، އަޙްމަދު ރޫޙުﷲ ޝިޔާމް
  • ދ. ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމުން މ. މުލަކު ކޯޓުގެ މެޖިސްޓްރޭޓް ކަމަށް މ.ވޭވަށް، ކޯނާ، ޔާސިރު މުޙައްމަދު

އެބޭފުޅުންގެ ތެރެއިން ފަޒީހަކީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ވިލާކޮލެޖުން ގާނޫނީ ދާއިރާއިން ބެޗެލާ އޮފްޝަރީޢާ ހާސިލްކުރައްވާފައެވެ.

އަޙްމަދު ނިޔާޒަކީ ގާނޫނީ ދާއިރާއިން ވިލާކޮލެޖްއިން ބެޗެލާ އޮފް ޝަރީޢާ ވިތް އޮނާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ގާނޫނީ ވަކީލްކަމުގެ ހުއްދަ ލިބުނު ފަހުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ގާނޫނީ ވަކީލެއްގެ ޙައިޞިއްޔަތުން ދަ ލިޓިޖަންޓްސް މޯލްޑިވްސްގައެވެ.

އަޙްމަދު ރޫޙުﷲ ޝިޔާމަކީ ގާނޫނީ ރޮނގުން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާސް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ހާސިލްކުރައްވާ އަދި މާސްޓާ އޮފް ޝަރީޢާ ވިލާ ކޮލެޖުން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މި ވަގުތު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ލީގަލް އޮފިސަރެއްގެ މަޤާމުގައެވެ.

ޔާސިރު މުޙައްމަދު ވަނީ ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ހާސިލްކުރައްވާ އަދި މާސްޓާ އޮފް ޝަރީޢާ އެންޑް ލޯ ވިލާކޮލެޖުން ހާސިލްކުރައްވާފައެވެ. އޭނާ އަކީ މި ވަގުތު އިސް މެޖިސްޓްރޭޓެއްގެ މަގާމް އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ.

comment ކޮމެންޓް