ވ. ފުލިދުއަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުނު ފަތުރުވެރިއެއްގެ ލޯ މަތީގައި ޖެހި މީހަކު ޖޫރިމަނާ ކުރުމަށް އެ ރަށު ކޯޓުން ހުކުމް ކޮށްފިއެވެ.
އެ ހާދިސާ ހިންގާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އިރާކޮޅުއެވެ.
އެ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް ދައުވާ ކޮށްފައިވަނީ ފުލިދޫ ހުވަނދުމާގޭ އިބްރާހިމް ފިފްޝާންގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
ދައުވާގައި ބުނެފައިވާ ގޮތުން ފިފްޝާން ވަނީ އެ ރޭ ހަތެއް ޖަހާކަންހާއިރު އެ ރަށު ޖެޓީ ކައިރީގައި ހުރި ޗައިނާގެ ރައްޔިތެއްގެ ލޯ މަތީގައި ޖަހާފައެވެ. އެކަމުގެ ސަބަބުން އޭނާގެ ލޮލަށް އަނިޔާވެފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފައެވެ.
އެ ދައުވާއަށް ފިފްޝާން ވަނީ އިއުތިރާފް ވެސް ވެފައެވެ.
ގާނޫނުލްއުގޫބާތުގައި ބުނާ ގޮތުން އަނިޔާއެއް ދިނުމުގެ ކުށަށް ކަނޑައަޅާފައިވާ އަސާސީ އަދަބުގެ މިންގަނޑަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ކުށަށް އޭނާ އިއުތިރާފްވުމުން އަދަބުގެ މިންވަރު އެއް ދަރަޖަ ދަށްވާނެއެވެ. އެހެންކަމުން އެ ކުށަށް ކަނޑައަޅަންޖެހޭ އަދަބަކީ އެއް މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.
ޖަލަށް ލުމުގެ ބަދަލުގައި ފިފްޝާން ވަނީ އަދަބެއްގެ ގޮތުން ޖޫރިމަނާ ކޮށްދިނުމަށް އެދިފައެވެ. އެކަމަށް ޕީޖީގެ ވަކީލުން ވެސް އިންކާރުކޮށްފައެއް ނުވެއެވެ.
އެހެންކަމުން ފުލިދޫ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކޮށްފައިވަނީ ފިފްޝާން, 10,800 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވެސް އޭނާއަށް ވަނީ އަންގާފައެވެ.
އެނގިފައިވާ ގޮތުގައި ފިފްޝާން ހަމަލާ ދީފައިވަނީ ފުލިދޫގެ ގެސްޓްހައުސްއަކަށް ޗުއްޓީ ހޭދަކޮށްލުމަށް އައި ފިރިހެން ފަތުރުވެރިއަކަށެވެ. ގިނިކަންޏާއައި އެ ފަތުރުވެރިއަކީ ޔޫޓިއުބަރެކެވެ. ހަފުތާއަކަށް އެ ރަށަށް ދިޔަ އެ ފަތުރުވެރިޔާ ވަނީ ރާއްޖެ އާއި އެ ރަށް އިޝްތިހާރު ކުރުމަށް ސޯޝަލް މީޑިއާއަށް ބައެއް ވީޑިއޯ އަދި ފޮޓޯތައް ވެސް ދޫކޮށްލާފައެވެ. ނަމަވެސް އެ ހަމަލާއަށްފަހު ޖެހިގެން އައި ދުވަހު އޭނާ ވަނީ އެ ރަށުން ފުރައިގެން ގޮސްފައެވެ. އޭރު ޗުއްޓީގައި ބާކީ ތިން ވަރަކަށް ދުވަސް އޮތް ކަން ވެސް ވަނީ އެނގިފައެވެ.