ހަށިވިއްކުމުގެ ތުހުމަތުގައި ފުވައްމުލަކުން ތިން މީހަކު ހައްޔަރުކޮށްފި

ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ބަލައިފާސްކުރި ހ. ބިއުޓީ ހެލްތު ބޮޑީ ލައިފުން ހައްޔަރުކުރި ބިދޭސީ ހަތަރު އަންހެނުން ފުލުހުންގެ ވެހިކަލަކަށް އަރުވަނީ - ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ހަށިވިއްކާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އިއްޔެ ހިންގި އޮޕްރޭޝަނެއްގައި ޏ. ފުވައްމުލަކުން ތިން މީހުން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މިމީހުން ހައްޔަރުކުރީ، ފުވައްމުލަކުގައި ހިންގާ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ހިންގި އޮޕަރޭޝަންއެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ، ތައިލެންޑަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އަންހެނަކާއި 36 އަހަރުގެ އަންހެނެއްގެ އިތުރުން 31 އަހަރުގެ ފިރިހެނެކެވެ.

މިދިޔަ މަހުގެ 21ވަނަ ދުވަހު ވެސް ފުލުހުން ވަނީ ހަށި ވިއްކިކަމުގެ ތުހުމަތުގައި މާލެއިން ބަޔަކު ހައްޔަރުކޮށްފައެވެ.

ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓް ހައުސް ބަލައިފާސްކޮށް ފުލުހުން ވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 43 އަހަރުގެ ދިވެހި ފިރިހެން މީހާ ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. އަދި ދެ އަންހެނުން ވަނީ ޑީޕޯޓު ކޮއްލާފައެވެ.

comment ކޮމެންޓް