މުއިއްޒުގެ ޝަރީއަތް ނިމުމަކާ ގާތަށް، ދެން އޮންނާނީ ތިން އަޑުއެހުން!

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: އޭނާގެ މައްސަލައިގައި ގިނަ ހެކިތަކެއް ވަނީ ނަގާ ނިމިފައި -- ސަން ފައިލް ފޮޓޯ/ ނާއިލް ހުސައިން

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމަގާ ގާތަށް ހިނގައްޖެއެވެ.

ޑރ. މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ ދޮގު ބަޔާން ދިންކަމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ދިފާއުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ.

އެގޮތުން މިއަދު އޮތް އަޑުއެހުމުގައި ވަނީ ދެ ހެކިވެރިއެއްގެ ހެކިބަސް ނަގާފައެވެ. އަދި ދިފާއުން ދެން ބޭނުން ވަނީ އެންމެ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ކަމަށް ވަކީލު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ހެކިވެރިޔާއާ ގުޅޭ ގޮތް ވެފައި ނުވާތީ ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށް ވެސް ޝަރީއަތުން ވަނީ ބުނެފައެވެ.

"މިއަދު ނޫނީ މާދަމާ މި ހެކިވެރިޔާގެ ހެކިބަސް ނެގުމާ ގުޅޭ ގޮތުން ޝަރީއަތަށް ދަންނަވާނަން. އަޅުގަނޑުމެންގެ ވިސްނުން ބޮޑަށް ހުރީ ހެކިބަސް ނުނެގުމަށް ކަމުގައި ވެސް ދަންނަވާލަން," ދިފާއީ ވަކީލް ވިދާޅުވިއެވެ.

ދިފާއުން އެ ހެކިވެރިޔާގެ ހެކިބަސް ނުނެގުމަށް ނިންމައިފި ނަމަ ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. އެ އަޑުއެހުން ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށްފަހު ދެން އޮންނާނީ ހުލާސާ ބަޔާން ހުށަހެޅުމެވެ. އެ ދެބައި އެއް އަޑުއެހުމުގައި ކުރިއަށް ގެންދިއުމަށް ދިފާއުން އެދުނު ނަމަވެސް ދައުލަތުން އެދުނީ ދެ އަޑުއެހުމެއް ބާއްވައި ދިނުމަށެވެ.

މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން އަދި އިތުރު ދެ އަޑުއެހުން ބޭއްވުމަށް ޝަރީއަތުން ވަނީ ނިންމާފައެވެ.

ދައުލަތުން މުއިއްޒުގެ މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ ޖޫން 14، 2020 ގައެވެ. އެ މައްސަލަ ބެއްލެވުމާ ފުރަތަމަ ހަވާލުވި ގާޒީ އެހެން ކޯޓަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ދެވަނައަށް ހަވާލުކުރި ގާޒީ ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ.

މިހާރު މި މައްސަލަ ބައްލަވާ ގާޒީ ސަފްއަތު ހަބީބު އަކީ މި މައްސަލައާ ހަވާލުވި ތިން ވަނަ ގާޒީއެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވެ، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ވިދާޅުވެ، ޑރ. މުއިއްޒު ދޮގު ބާޔަނެއް ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތަކަށް އޭނާ އިންކާރުކުރައްވައެވެ.

comment ކޮމެންޓް