ރައީސް ޞާލިޙް ފަލަސްތީނުގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، ފަލަސްތީނުގެ ރައީސް މަޚްމޫދު އައްބާސާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ޞާލިޙް ފަލަސްތީނުގެ ރައީސާ ބައްދަލުކުރައްވާފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގައި އދ. އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.

އެ ބައްދަލުކުރެއްވުމުގެ ފޮޓޯއެއް ހިއްސާ ކުރައްވައި އެ މަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ގައުމުގެ ރައީސް މަޙްމޫދު އައްބާސާ ބައްދަލުކުރެއްވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަތް އުފަލެއް އަދި ޝަރަފެއް ކަމަށެވެ. އަދި، އެ ބައްދަލުކުރެއްވުމުގައި ފަލަސްތީނާ އެކު ރާއްޖެ އަބަދު ވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާފައިވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭން އަބަދު ވެސް ފަލަސްތީނާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި އެރުވިން." އެ މަނިކުފާނުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ރާއްޖޭން އަބަދު ވެސް ދަމަހައްޓަމުން އަންނަނީ ފަލަސްތީނާ އެއްކޮޅު އަދި އިޒްރޭލާ ދެކޮޅު ޚާރިޖީ ސިޔާސަތެކެވެ. އަދި، ރާއްޖޭން އަބަދު ވެސް ވޯޓު ދެނީ ވެސް އެ ގައުމާ އެއްކޮޅަށެވެ.

comment ކޮމެންޓް