ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އެއްވެސް އިހްތިޞާސެއް އެ ކޯޓަށް ނެތްކަމަށް އެމްޑީޕީން ހުށަހެޅުމުން ވަގުތީ އަމުުރު ނެރުން ފަސްކޮށްފިއެވެ.
އަލީ އަމްޖަދު ނަމަކަށް ކިޔާ މީހަކު ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އެދިފައިވަނީ އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި 39،000 މެމްބަރުން އުނިކުރީ ޕާޓީން މެންބަރުން ވަކިކުރަން ޖެހޭ އުސޫލާ އެއްގޮތައް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މައްސަލައިގެ އަޑު އެހުމެއް މިއަދު ހެނދުނު 10:15ވަނީ ތާވަލު ވެސް ކޮށްފައެވެ. ނަމަވެސް މިއަދުގެ އަޑު އެހުން ފަސްކުރީ، ކޯޓުގެ އިހްތިޞާސް ނެތްކަމަށް އެމްޑީޕީއިން ބުނާ މައްސަލައިގައި އަޑުއެހުމެއް ބޭއްވުމުގެ ގޮތުންނެވެ.
އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ މި މައްސަލައިގެ ވަކީލުންގެ ގޮތުގައި އުޅުއްވަނީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރެވެ.
އިހްތިޞާސާ ގުޅޭ މައްސަލައިގައި ވަކީލުންގެ ޖަވާބެއް ތައްޔާރުކޮށް ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ މެމްބަރުން ގެންދަވަނީ 39،000 މެމްބަރުން ވަކިކުރުމަކީ އޮޅުވާލުމެއްގެ ތެރެއިން އެ މަނިކުފާނަށް ތާއީދުކުރާ މެންބަރުން ވަކި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
އެހެންވެ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުނުކޮށް، ޕާޓީ ތެރޭ ސިޔާސީ ވަކި ހަރަކާތެއް ހިންގަން އެ މަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެމްޑީޕީއިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަ ކުރެއްވިއިރު ބޮޑު ތަފާތަކުން އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ޞާލިޙެވެ. އެއާއެކު ނަޝީދު ގެންދަވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. އަދި ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެއެވެ.