ސުނީތާ އަލީ އަކީ ދިވެހިންނަށް އެއްވެސް ގޮތަކަށް އާ ނަމެއް ނޫނެވެ. މިއީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މަގުބޫލު އެއް ސެލެބްރިޓީ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނެށުންތެރިއެއްގެ ގޮތުގައި މަގުބޫލުކަން ހޯދައި އެތައް ދިވެހިންނެއްގެ ހިތްތައް ފަތަހަކޮށްފައިވާ ސުނީތާ މި އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 29 އަހަރު ވެއްޖެއެވެ. މިހާ ދިގު މުއްދަތެއްގައި މެދުކެނޑުމެއް ނެތި އެއްވަރެއްގައި ސުނީ މަސައްކަތް ކުރެވުމުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟
އީދެއް ވިޔަސް، ހިތާނީ ޝޯއެއް ވިޔަސް ރާއްޖޭގައި އެންމެ ޑިމާންޑު ބޮޑު ތަރިއަކީ ސުނީއެވެ. ނަމަވެސް މި ހިސާބަށް ސުނީއަށް އާދެވުނީ ވަރަށް ގިނަ ތަޖުރިބާތަކެއް ކޮށްގެނެވެ. ސުނީއަށް މި ކާމިޔާބީ ލިބިފައިވަނީ އެތައް މަސައްކަތަކުންނެވެ.
މިހާ ގިނަ ދުވަސް ވަންދެއް އެއް ވަރެއްގައި ސުނީތާއަށް އިންޑަސްޓްރީގައި ހިދުމަތް ކޮށްދިނުމަށް ހުރެވުމުގެ އެންމެ ބޮޑު ސިއްރަކީ ޑިސިޕްލިން ކަމުގައި އޭނާ ގަބޫލު ކުރެވެއެވެ. އާޓިސްޓަކަށް ވެހުރެ އެއީ ބޮޑު ޒިންމާއެއް ކަން ދަނެގެން ލައިފްސްޓައިލަށް ވިސްނައިގެން އަމަލު ކުރުމަކީ ސުނީ ދެކޭ ގޮތުގައި މިހާ ދުވަހު އެއް މިންގަނޑެއްގައި ހުރެވުމުގެ ސިއްރެވެ.
"ކިތައްމެ ގިނަ ބަޔަކަށް އަހަރެން އެނގުނު ނަމަވެސް އެންމެނަށް ވެސް އެނގެން ބޭނުންވަނީ އާންމު މީހެއްގެ ގޮތުގައި. ކޮންމެ މީހަކަށް ވެސް ރިލޭޓް ކުރެވޭނެ އަދި ސްޓޭޖުން ބޭރުން އަހަރެންނަކީ އެހެން މީހެކޭ ވެސް ހަމަ އެއްވެސް ތަފާތެއް ނެތް މީހެއް. އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން،" ސުނީ ކިޔައިދިނެވެ.
ސޯލޯ ޕާފޯމަރެއްގެ ގޮތުގައި މަގުބޫލުވެފައިވާ ސުނީ ކިޔައިދިން ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ އޭނާ ނަށަން ފެށި އިރާއި މިހާރުގެ ހާލަތު ވަރަށް ތަފާތެވެ.
އއ. އުކުޅަހަށް އުފަން ސުނީތާ މާލެއަށް ބަދަލުވީ ވަރަށް ޒުވާން އިރުގައެވެ. އޭރު އޭނާ އުޅެމުން ދިޔައީ އޭނާގެ ދައްތައެއްގެ ގާތުގައެވެ. އެ ދުވަސްވަރުން ފެށިގެން ސުނީ ނަށަން ފެށީ އެކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ގޭގެ މަސައްކަތް ކުރަމުން ލިބޭ ހުސްވަގުތުގައި ނަށައިގެން ރަށް ރަށަށް ފުރަތަމަ ޕާފޯމް ކުރަން ދާން ފެށީ ވެސް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ހީކޮށްގެނެއް ނޫނެވެ.
"އެންމެ ފުރަތަމަ އަތޮޅުތަކުގައި ނަށަމުން ގާތްގަނޑަކަށް މަހެއް ވަރު ފުރިހަމަ ކޮށްފައި އަންނަ އިރު ގާތްގަނޑަށް ލިބޭނީ 200 ވަރަކަށް 400 ވަރަކަށް ރުފިޔާ. އެކަމު މިހާރު އެހެނެއް ނޫން،" ސުނީ ކިޔައިދިނެވެ.
ފައިސާއެއް ލިބޭނެ ކަމަށް ވެސް އުއްމީދު ނުކޮށް ސުނީ ނަށަމުން ދިޔައީ އެކަމާ ގަޔާ ވެގެން އެކަމަށް ލޯބި ކުރާތީއެވެ. ރަށް ރަށަށް ގޮސް އެ ރަށަކު ބަޔަކު ބެހެއްޓި ތަނެއްގައި ހުރެ، އެމީހުން ދިން އެއްޗެއް ކައިގެން ސުނީ އުޅުނީ އެއްވެސް ކަހަލަ ޑިމާންޑެއް ނުކޮށެވެ. އާންމުންގެ ފަރާތުން ސުނީއަށް ލޯބި ލިބެން ފެށީ އެހެންވެއެވެ. ސްޓޭޖުން ބޭރުން ސުނީއަކީ އެންމެންގެ އެކުވެރިއެކެވެ. ކޮންމެ މީހަކަށް ވެސް ވާހަކަ ދެއްކޭނެ މީހެކެވެ.
އާންމުންނާ އެކު ގެންގުޅޭ ގުޅުމަކީ ސުނީގެ ކާމިޔާބީގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސިއްރު ކަމުގައި ވެސް ސުނީ ގަބޫލު ކުރެއެވެ. ނަމަވެސް ޕާފޯމަރެއްގެ ގޮތުގައި ސުނީގެ ހަޔާތަށް އައި އެންމެ ބޮޑު ކާމިޔާބީއަކީ އޭނާގެ އައިޑޮލް، މަޝްހޫރު ތަރީ ޕްރިޔަންކާ ޗޯޕްރާ އާ ބައްދަލު ކޮށްލެވުމެވެ.
"އެހާ ހިސާބުން އަސްލު ވަރަށް ބޯޑު ބަދަލެއް އައި. އެތައް ބަޔަކު ފާޑު ކިޔަމުން ދިޔަ ކަންތައްތަކަށް ބޮޑު ރައްދެއް ދެވުނީ. އަދި އެއިން އެނގިގެން ދިޔަ މަސައްކަތް ކޮށްފި ނަމަ ކޮންމެވެސް ދުވަހަކުން ކާމިޔާބީއެއް ލިބޭނެ ކަން،" ސުނީ ކިޔައިދިނެވެ.
މިހާރުވެސް ކޮންމެވެސް ވަރަކަށް ޕާފޯމް ކުރަމުން އަންނަ ސުނީ އަކީ ފިސާރި އަންހެނެކެވެ. ނަށަމުން އަމިއްލަ ވިޔަފާރިއެއް ވެސް ހިންގަނީ ރަނގަޅަށް ވަގުތުގެ ބޭނުން ކުރަން އޭނާ އަށް ދަސްވެފައި އޮތުމުގެ ސަބަބުންނެވެ. އަމިއްލަ އުފައްދާ ތަފާތު ޕްރޮޑަކްޓުތަކާއެކު ސުނީ ވަނީ ދާދި ފަހުން ފިހާރައެއް ހުޅުވާފައެވެ. މިއީ މިހާރު ސުނީގެ ގިނަ ވަގުތު ހޭދަކުރާ މަސައްކަތެވެ.
ޕާފޯމަރަކަށް ލިބެންވީ ހުރިހާ ކާމިޔާބީއެއް ލިބިއްޖެ!
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަހަލަ ޝޯތައް ދީ އެތައް ބައެއްގެ ހިތްތައް މިހާރު ފަތަހަކޮށްފައިވާ ސުނީ ގަބޫލު ކުރާގޮތުގައި މިހާރު ޕާފޯމަރެއްގެ ގޮތުގައި ލިބެންވީ ހުރިހާ ކާމިޔާބީއެއް އޭނާއަށް ލިބިއްޖެއެވެ.
"މިހާރު އަހަރެންނަށް ގަބޫލު ކުރެވޭ ގޮތުގައި އަހަރެން މި އިންޑަސްޓްރީ އިން ހޯދަން ބޭނުންވި ހުރިހާ ކާމިޔާބީ ތަކެއް އަސްލު ލިބިއްޖެ. އިތުރަށް ބޭނުންވާ ކަމެއް އޮތް ހެނެއް ހިޔެއް ނުވޭ. ވަރަށް ހިތް ހަމަ ޖެހިފައި މިހުންނަނީ،" އޭނާ ބުންޏެވެ.
މިހާ ހިސާބުން އިންޑަސްޓްރީއިން ރިޓަޔާ ވާން ވެސް ޖެހިލުމެއް ނެތް ކަމަށް ސުނީ ފާހަގަކުރިއެވެ. ނަމަވެސް ރިޓަޔާ ނުވެ ހުންނަ ހަމަ އެކަނި ސަބަބަކީ ފޭނުން ކަމުގައި ސުނީ ބުނެއެވެ. ފޭނުން އަދިވެސް ސުނީ ޕާފޯމް ކުރަން ބޭނުންވާތީ އެކަމަށް ދެކޮޅު ހަދަން ބޭނުން ނުވާ ކަމަށް ސުނީ ފާހަގަކުރެއެވެ. އެއާއެކު ކުރިއަށް އޮތް ތަނުގައި ވެސް ސުނީގެ ފޭނުންނާއި އާންމުންގެ ލޯބި ލިބޭނެ ގޮތްތަކަށް މަސައްކަތް ކުރާނެ ކަމަށް ސުނީ ބުނެއެވެ.