ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ވެސް ހުޅުމާލެއަށް

އުމަރު ޒާހިރު އޮފީސް ބިލްޑިންގް--- ފޮޓޯ/ ރައީސް އޮފީސް

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ދެމުން އަންނަ ހުރިހާ ޚިދުމަތެއް ހުޅުމާލޭގައި އަލަށް ހުޅުވި ސަރުކާރުގެ އޮފީސް އިމާރާތް، 'އުމަރު ޒާހިރު އޮފީސް ބިލްޑިން'އަށް ބަދަލުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އެ އިދާރާގެ އޮފީސް ހިންގާނީ އުމަރު ޒާހިރު އޮފީސް ބިލްޑިންގުގެ ފަސް ވަނަ ފަންގިފިލާގައި ކަމަށެވެ.

މި އިމާރާތަށް ސަރުކާރުގެ ގިނަ އޮފީސްތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ބަދަލުކޮށްފައިވަނީ ޖެންޑާ މިނިސްޓްރީއެވެ. އަދި މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ވެސް އެ އިމާރާތަށް ވަނީ ބަދަލު ކޮށްފައެވެ.

އޭގެ އިތުރުން، ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ އެއްކޮށް އެ އިމާރާތަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

މި ބަދަލާއެކު، މިނިސްޓްރީގެ ކައުންޓަރުތަކުން ދޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ އާ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ މިނިސްޓްރީގެ ކައުންޓަރުތަކުންނެވެ.

އުމަރު ޒާހިރު އޮފީސް ބިލްޑިންއަކީ ސަރުކާރު އޮފީސްތަކުގެ ކުއްޔަށް ބޮޑު ހޭދައެއް ކުރަން ޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން 185 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާފައިވާ އޮފީސް އިމާރާތެކެވެ. ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ މި އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނުގައި 25،000 އަކަ ފޫޓު ހުރެއެވެ.

comment ކޮމެންޓް