މެލޭޝިޔާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މީހުން މަރުވެ ބައިލައްކައެއްހާ މީހުން ހާލުގައި ޖެހިއްޖެ

މެޅޭޝިއާގައި ފެންބޮޑުވެފައި

ކުއާލަލަންޕޫރު (4 މާޗް 2023): މެލޭޝިޔާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެތަށް ސަރަހައްދެއްގައި ފެންބޮޑުވުމާ ގުޅިގެން މީހުން މަރުވެ މާއްދީ ގެއްލުންތަކެއް ލިބިއްޖެއެވެ.

މެލޭޝިއާގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނިގޮތުގައި އެގައުމުގެ ދެކުނުގެ ސްޓޭޓްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހަތަރު މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެ 40 ހާހަށްވުރެގިނަ ގެތަކުގައިވަނީ ދިރިނޫޅެވޭވަރަށް ފެންބޮޑުވެފައެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ބައެއްގެތައްވަނީ ވެއްޓިފައެވެ.

ވިއްސާރައިގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ މެލޭޝިޔާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޖޮހޯރު އަށެވެ. ޖޮހޯރުގެ ރައްޔިތުންގެ ތެރެއިން 44،000 މީހުން ފެންބޮޑުވުމުގެ ސަބަބުން ރައްކާތެރި ތަންތަނަށް ގެންގޮސް ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދީފައެވެ. ފެންބޮޑުވުމުގެ ސަބަބުން މީހުން މަރުވެފައިވަނީ ފެނުގައި ސައިލުގައި ކޯރުތަކަށް ދަމައިގަނެގެންދިޔުމާއެކު ގެނބިގެންނެވެ.

މެލެޝިއާގައި ފެންބޮޑޫވެ މީހުން ހާލުގައި ޖެހިފައި

ޖޮހޯރުގެ ގިނަ ސަރަހައްދުތަކުގައިވަނީ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެއްގަމު އުޅަނދުފަހަރަށް ދަތުރުނުކުރެވޭ ވަރުވެފައެވެ. ޖޮހޯރުގެ އިތުރުން މެލޭޝިއާގެ އެހެން ހަ ސްޓޭޓެއްގައިވެސްވަނީ ފެންބޮޑުވެފައެވެ. ނަމަވެސް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޖޮހޯރަށެވެ.

މެލޭޝިއާގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީ (އެންއޭޑީއެމްއޭ) ބުނާގޮތުން މިހާރުވެސް ހުއްޓުމެއްނެތި ވާރޭވެހެމުން ދާތީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއެޖެންސީން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ސާޅީސް ހަތަރު ހާހަށްވުރެ ގިނަމީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށް އެމީހުންގެ ވަގުތީ ހިޔާވަހިތަކުގެ ގޮތުގައި ހަމަޖައްސާފައިވަނީ ސްކޫލްތަކަށާއި އިޖުތިމާއީ މަރުކަޒުތަކާއި ކުޅިވަރުކުޅޭ މަރުކަޒުތަކެވެ.

މެލޭޝިއާގައި ފެންބޮޑުވެފައި

ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޭހާއި އަންނައުނު ފަދަތަކެތި ފޯރުކޮށްދިނުމަށް އެންއޭޑީއެމްއޭ ގެ އެޖެންޓުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބޯކޮށް ވާރޭވެހެމުންދާތީ އެމީހުންގެ މަސައްކަތްތަކަށްވަނީ ބޮޑެތި ދަތިތަކެއް އެޅިފައެވެ. އެހެންކަމުން އެމީހުންނަށް ބޭނުންވާ އެހީގެ ތަކެތި ސަޕްލައި ކުރުމަށް ހެލިކޮޕްޓަރު ގެ ބޭނުންވަނީ ކުރަން ފަށާފައެވެ.

މެލޭޝިއާގެ މޫސުމާބެހޭ އިދާރާ ބުނާގޮތުން އެގައުމަށް މިހާރު ކުރިމަތިވެފައިމިވަނީ ވިއްސާރައިގެ ތޫފާނެކެވެ. ފާއިތުވި 50 އަހަރު ތެރޭގައިވެސް މިވަރުގެ ވިއްސާރައެއް މެލޭޝިއާގެ ދެކުނުގެ ސަރަހައްދުތަކަށް ކޮށްފައިނުވާކަން އެއިދާރާއިން ފާހަގަކުރެއެވެ. މެލޭޝިޔާއަށް ވިއްސާރަ މޫސުން ފެށިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އެއަށްފަހު މެލޭޝިއާގެ ކޮންމެވެސް ސަރަހައްދަކަށް ބޯކޮށް ވަރޭނުވެހޭ ދުވަހެއް ވަރަށް މަދުކަމަށް އެގައުމުގެ މޫސުމާބެހޭ ރިޕޯޓްތައް ބުނެއެވެ.

ފަހުގެ ތާރީޚެއްގައި މެލޭޝިއާ އަށް ކުރިމަތިވި ފެންބޮޑުވުމުގެ އެންމެ ނުރައްކާތެރި ކާރިސާ ކުރިމަތިވެފައިވަނީ 2014 ވަނަ އަހަރުއެވެ. އެއަހަރު މެލޭޝިއާގެ އެކި ސަރަހައްދުތަކަށް ކުރި ވަރުގަދަ ވިއްސާރައާ ގުޅިގެން ލައްކައަކަށް ވުރެ ގިނަމީހުން ހާލުގައި ޖެހި އެތަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ގެއްލުން ލިބުނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް