މަދު ބަޔަކަށް ގޯތި ދީގެން ވާނީ ގޯސް، މުއިއްޒު މި ކިޔައިދެއްވަނީ ބޯހިޔާވަހިކަމަށް ހައްލެއް

މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

މާލޭ ސަރަހައްދުގައި ޒަމާނުއްސުރެ ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތު "އެއް ގޮތަކަށް" ވެސް ކަމުނުދާ ކަމަށާއި މަދު ބަޔަކަށް ގޯތި ދީގެން އެ މައްސަލަ ވާނީ ގޯސް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މި ސަރުކާރުން ވަނީ މާލޭ މީހުންނަށް ގޯތި ދޫކުރަން ވައުދުވެފައެވެ. މި ސަރުކާރުން ހިންގާ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'އަށް އިޝާރާތް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައިވަނީ، އެ ދެ ސްކީމްގެ ދަށުން ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅީފަޅު ހިއްކައި އެ ސަރަހައްދުން 2،000 ގޯތީ ދޫކުރާނެ ކަމަށެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ އެ އަދަދު އިތުރު ކުރާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައެވެ. އެކަމަކު، އިތުރު ކުރާ އަދަދުގެ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، "ސަން"އާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭ ސަރަހައްދުގައި ތިބީ ބޯހިޔާވަހިކަން ބޭނުންވާ ހާހެއްހާ މީހުން ނޫން ކަމަށެވެ. އެހެންވެ، މަދު ބަޔަކަށް މާލޭ ސަރަހައްދުން ގޯތި ދިނުމުން ތަފާތު ކުރުން ބޮޑުވެ، ބޯހިޔާވަހިކަމުގެ މައްސަލަ އިތުރަށް ގޯސްވެގެން ދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"މާލޭ ސިޓީގައި އެބަ ދިރިއުޅޭ ގާތްގަނޑަކަށް ދެ ލައްކައެއްހާ ރައްޔިތުން މިހާރު، އޭގެ ތެރެއިން އިމީޑިއަޓްލީ ބޯހިޔާވަހިކަން ބޭނުންވާ މީހުން މަދުވެގެން ގާތްގަނޑަކަށް 50،000 އެއްހާ މީހުން އުޅޭނެ. އެހެންވީމަ އެންމެންނަށް ބޯހިޔާވަހިކަން ދެވެން އެބަ އޮތޭ،" މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

އޭނާ ވިދާޅުވީ މާލޭގައި ދިރިއުޅެނީ ހަމައެކަނި މާލޭ މީހުން ނޫން ކަމަށެވެ. ޒަރޫރީ ބޭނުންތަކުގައި މާލެ ބަދަލުވެ، އެތައް ޚިދުމަތްތަކެއް ކޮށްދީފައިވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް މާލެއިން ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ ކަމަށް މޭޔަރު ގަބޫލުކުރައްވައެވެ.

މަދު ބަޔަކަށް ގޯތި ދިނުމުގެ ސިޔާސަތާ ދެކޮޅު ހައްދަވަމުން އޭނާ ވިދާޅުވީ އޭގެ ބަދަލުގައި ފުށިދިއްގަރު ފަޅާއި ގުޅީ ފަޅާއި އަދި ގިރާވަރު ފަޅު ހިއްކައިގެން މާލެއާއި މި ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ ބޯހިޔާވަހިކަން އެއްކޮށް ހައްލުވެގެން ދާނެ ކަމަށެވެ.

"އެހެނެއް ނޫން، ހުޅުމާލެއިން ތަންކޮޅެއް، ގުޅީފަޅުގައި މިހާރު ހިއްކާފައި އޮތް ބައިން ތަންކޮޅެއް، ގޯއްޗާއި ފުލެޓާ މިހެން ދީ ހަދާއިރުގައި އޭރުން އިތުރަށް މި އުފެދެނީ ތަފާތެއް. އޭގެ ސަބަބުން މައްސަލަ ގޯސް ވަނީ،" މުއިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވައިލުމުގައި ވެސް މާލޭ ސިޓީ ކައުންސިލް ބައިވެރިނުކުރާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މުޅި މައްސަލައަށް ހައްލެއް ބޭނުން ވާނަމަ ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވައިލުމުގައި ކައުންސިލް ބައިވެރި ކުރުވަން ޖެހޭ ކަމަށެވެ.

އެ މައްސަލައަށް ހައްލެއް ކިޔައިދެއްވަމުން އޭނާ ވިދާޅުވީ ހުޅުމާލޭގައި މިދިޔަ ސަރުކާރުން ހިއްކި ދެވަނަ ފިޔަވަހީގައި ވެސް ވަރަށް ބޮޑެތި ބިންތައް އެބައޮތް ކަމަށެވެ. އަދި، މާލެ ވަށައިގެން ހުރި ފަޅުތަކުން ބިން ހިއްކައިގެން އެ ބިންތައް ވެސް އެންމެ އެކަށޭނެ ގޮތެއްގައި ބޭނުން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް --- ފޮޓޯ/ ޒިންހުއާ

"ފޭސް ޓޫގައި އަދިވެސް އެބަ އޮތް ވަރަށް ބޮޑު ޖާގަ، ފްލެޓު އަޅަން ވެސް. އެހެންވީމަ ފުލެޓު އަޅަން ވެސް އެކި ފަރާތްތަކަށް ފުރުސަތު ދީގެން ފްލެޓު އަޅާ، ގޯތި ދެވެން އޮތްތަނުން ގޯތި ދީ. އަދި ގުޅީ ފަޅުގައި ވެސް މުޅި ގުޅީފަޅު އެއްކޮށް ހިއްކާލައިފައި، އެއީ ގާތްގަނޑަކަށް 280 ހެކްޓަރު ހިއްކައިން، އެ ތަނުން ވެސް ގޯއްޗާއި ފުލެޓާ ދީ. އަދި ފުށިދިއްގަރު ފަޅުން ބޮޑު ބައެއް ހިއްކައިފިއްޔާ އޭރުން ހަމަ ޔަގީނުން ވެސް މި ސަރަހައްދުގެ މައްސަލަ ހައްލުވީ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ބިންތައް އުފެއްދުމަކީ ސަރުކާރުން ބުރައަކަށް ނުވާނެ ކަމަށެވެ. އެގޮތުން، މަހާޖައްރާފާއި، ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ކުންފުނިތަކާ އެކު ސަރުކާރުން އިންވެސްޓް ކޮށްގެން ފަސޭހަކަމާ އެކު އަހަރެއްހާ ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ޒަމާންވީ މައްސަލަ ހައްލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަންސާސް ހާހެއްހާ އާއިލާއަށް ގޯތި ގެދޮރު ހަމަޖެހުނީމާ، އެ ދެން ހަމަޖެހުނީ ހަމަ އެންމެންނަށް ގާތްގަނޑަކަށް. އިމީޑިއަޓްލީ ގޯތި ގެދޮރު ބޭނުންވާ ހަމަ ހުރިހާ އެންމެންނަށް ހަމަޖެހިގެން ދާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް