ވަކި އަދަދަކުން މަތީގެ ޗެކުތައް ބަލައިގަތުން ހުއްޓާލާ މުއްދަތު ފަސްކޮށްފި

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަކި އަދަދަކުން މަތީގެ ޗެކުތައް ބަލައިގަތުން ހުއްޓާލާ މުއްދަތު ފަސް ކުރުމަށް، މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ)އިން ނިންމައިފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގައި ޕޭމަންޓްގެ ޚިދުމަތް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއެކު ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި އެ އޮތޯރިޓީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެމްއެމްއޭ އާއި ބޭންކްތަކާ ގުޅިގެން ރާއްޖޭގައި ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމާބެހޭ އެކްޝަން ޕްލޭނެއް އެކުލަވާލާ، މިދިޔަ އަހަރުގެ އޭޕްރީލް މަހު އެ ޕްލޭން ވަނީ އާންމުކޮށްފައެވެ.

އެ އެކްޝަން ޕްލޭންގެ ދަށުން އަންނަ މަހުން ފެށިގެން 50،000 ރުފިޔާއިން މަތީގެ އަދަދުތަކުންނާއި 3،000 ޑޮލަރުން މަތީގެ އަދަދުތަކުގެ ޗެކުތައް ބަލައިނުގަތުމަށް ވަނީ ނިންމާފައެެވެ.

އެކަމާ ގުޅިގެން އެމްއެމްއޭއިން ބުނީ އެ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން އެންމެ އެދެވޭ މިންވަރަށް، އަދި ތައްޔާރުވެފައި ނުވާ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން، އަންނަ މަހު ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ނިންމުމަށް އަމަލުކުރުން ލަސްކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭގެ އެ ނިންމުމާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވެސް ވަނީ އެ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ނިންމާފައެވެ.

އެ އަދަދުތަކަށް ވުރެ މަތީގެ ޗެކުތައް ބަލައިގަތުން ހުއްޓާލި ނަމަވެސް ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އާއި މޯބައިލް ބޭންކިން މެދުވެރިކޮށް ޚިދުމަތް ހޯދޭނެކަން ބީއެމްއެލް އިން ފާހަގަކުރެއެވެ.

comment ކޮމެންޓް