ސްޕެނިޝް ކޮޕަ ޑެލްރޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރު ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު ބާސެލޯނާއިން އެ މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އެ މެޗުގައި ދެ ޓީމުން ވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެ މެޗުގައި ބާސާއިން ޖެހި ހަމައެކަނި ގޯލު ޖަހާފައިވަނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ބާސާގެ ފްރޭކް ކެސީ ރެއާލްގެ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާ ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.

ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން---
އެ ދެ ޓީމު ކުޅޭ ސެމީ ފައިނަލްގެ ދެވަނަ ލެގު ބާސާގެ ދަނޑުގައި ކުޅޭނީ ހައެއް އޭޕްރީލްގައެވެ. އެ މެޗުން މޮޅުވާ ޓީމެއް ވާދަކުރަން ޖެހޭނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ކުޅޭ އެތުލެޓިކް ބިލްބާއޯއާއި އޮސަސޫނާ މެޗުން މޮޅުވާ ޓީމަކާއެވެ.
އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމިފައިވަނީ 1-0 ގެ ނަތީޖާއަކުން އޮސަސޫނާ ކާމިޔާބުކޮށްގެންނެވެ. އެ މެޗު ކުޅެފައިވަނީ އޮސަސޫނާގެ ދަނޑުގައެވެ. ބިލްބާއޯގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ކުޅޭނީ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުއެވެ.